އިންފަންޓީނޯއާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް ނިންމައިފި

ވޯލްޑް ކަޕްގައި ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާ ގުޅިގެން ފީފާ އިން ނިންމި ނިންމުމުގެ މައްސަލައިގައި، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ)ގެ މެންބަރެއް ކަމަށްވާ ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އެ ކޮމިޓީން ފިޔަވަޅު ނޭޅުމަށް ނިންމައިފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު، ވޯލްޑް ކަޕްގައި ކުޅުންތެރިއަކަށް ދީފައިވާ ސަސްޕެންޝަނެއް އުވާލި ކަމަށް ބުނާ މައްސަލައިގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޮލިމްޕިކް ކޮމިޓީއަށް ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ.
އައި.އޯ.ސީ އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލާ އިންފަންޓީނޯ ޚިލާފުވި ކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރުމުގެ ޤާނޫނީ އިޚްތިޞާޞް އެ ކޮމިޓީއަކަށް ލިބިގެން ނުވެއެވެ.
ލަންޑަނަށް ނިސްބަތްވާ އަމިއްލަ ޖަމްއިއްޔާއަކުން މި މަހުގެ ކުރީކޮޅު އައި.އޯ.ސީގެ އެތިކްސް ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އަންނަންޖެހޭ އެއް މެޗުގެ މަޖުބޫރު ސަސްޕެންޝަން އުވާލުމުގައި އިންފަންޓީނޯގެ ދައުރެއް އޮތް ކަމަށެވެ.
އޮލިމްޕިކް ޗާޓަރުގައި ބަޔާންކުރާ ގޮތުގައި، ފީފާ ފަދަ ކުޅިވަރު އިދާރާތަކާއި އެ އިދާރާތަކުގެ މެންބަރުންނަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބެންޖެހޭ ބައެކެވެ. އިންފަންޓީނޯ އަކީ 2020 ވަނަ އަހަރުން ފެށިގެން އައި.އޯ.ސީގެ މެންބަރެކެވެ.
އައި.އޯ.ސީ އިން ބުނި ގޮތުގައި މި މައްސަލައިގައި ރަސްމީ ތަޙްޤީޤެއް ނުހިންގާނެއެވެ. ސަބަބަކީ “ފެއަރ ސްކުއަރ” ނަމަކަށް ކިޔާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާގެ ޝަކުވާއަކީ އައި.އޯ.ސީ އާއި އިންފަންޓީނޯއާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ކަމަކަށް ނުވާތީއެވެ.
އައި.އޯ.ސީގެ ބަޔާނުގައި ބުނެފައިވަނީ، އެ ޝަކުވާއަކީ ހަމައެކަނި ފީފާގެ އެތެރޭގެ ހިންގުމާއި، ސަރުކާރުތަކާ އޮންނަ ގުޅުމުގެ އިތުރުން ކުޅިވަރުގެ ގަވާއިދުތައް ތަންފީޛު ކުރުމާ ގުޅޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެއީ އެ ކޮމިޓީގެ އެތިކްސް ކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
އައި.އޯ.ސީގެ އެތިކްސް ކޮމިޝަނަކީ އަމިއްލަ އިސްނެގުމުގައި ތަޙްޤީޤު ހިންގައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ފަރާތެއް ނޫނެވެ. ނަމަވެސް، އެ ކޮމިޝަނަށް ފެންނަ ލަފާ އައި.އޯ.ސީގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅިދާނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ ކާސްޓީ ކޮވެންޓްރީއެވެ.
ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އަޚްލާޤީ މައްސަލައެއްގައި އައި.އޯ.ސީގެ މެންބަރަކާ މެދު ފިޔަވަޅު އަޅާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ އޮލިމްޕިކް އިންތިޚާބުތަކުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ކުވެއިތުގެ ޝައިޚް އަޙްމަދު އަލް-ފަހަދު އަލް-ޞަބާޙާ މެދުގައެވެ.



