އެބޯލާ ބަލީގައި މަރުވާ މީހުންގެ ހަށިގަނޑުތައް އުފުލުމަކީ ބަލި އިތުރަށް ފެތުރޭނެ ކަމެއް – އދ

ކޮންގޯގެ އެކި ސަރަހައްދުތަކުގެ މެދުގައި، އެބޯލާ ބަލީގައި މަރުވާ މީހުންގެ ހަށިގަނޑުތައް އުފުލުމަކީ ބަލި އިތުރަށް ފެތުރުމުގެ ބިރު އޮތް ކަމެއް ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާ (އައި.އޯ.އެމް) އިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. ގިނަ ފަހަރަށް މިގޮތަށް ހަށިގަނޑުތައް އުފުލަނީ މަރުވާ މީހާގެ އުފަން ރަށުގައި ވަޅުލުމުގެ ބޭނުމުގައެވެ.
ޖުލައި 14 އާ ހަމައަށް ކޮންގޯ އާއި އަވަށްޓެރި ޔުގެންޑާގައި އެބޯލާ ޖެހިފައިވާ 2,000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، 700 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އައި.އޯ.އެމް އިން ބުނި ގޮތުގައި މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން މަރުވެފައިވަނީ ކްލިނިކް ނުވަތަ ހޮސްޕިޓަލްތަކުން ބޭރުގައެވެ. މީގެ ސަބަބުން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ބަލަހައްޓައި ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ފުރާނައަށް ނުރައްކާވާ މި ބަލި ފެތުރެނީ ބަލިޖެހިފައިވާ އިންސާނެއް ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެއްސާ ސީދާ ކޮންޓެކްޓް ވުމުގެ ސަބަބުންނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހޮޑުލުމުގެ އިތުރުން ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ އައުން ހިމެނެއެވެ. މިފަހަރު ފެތުރެމުންދާ ވަބާއަކީ އެބޯލާ ވައިރަހުގެ “ބަންޑިބުގްޔޯ” (Bundibugyo) ސްޓްރެއިންގެ ސަބަބުން ޖެހޭ ބައްޔެކެވެ.
އެބޯލާ ޖެހިގެން މަރުވުމަށްފަހު ވެސް ހަށިގަނޑުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މަރުވާ މީހުން ވަޅުލުމުގައި އަމަލުކުރާ ގޮތްތަކަކީ ނުހަނު މުހިންމު ކަމެކެވެ.
“މަރުވާ މީހުންގެ ހަށިގަނޑުތައް ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިއްޖެނަމަ، އަދި މިކަމުގައި މުޖުތަމައުގެ އެއްބާރުލުން ނުލިބިއްޖެނަމަ، އޭގެ މާނައަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން އިތުރުވެގެންދާނެ ކަމެވެ،” އައި.އޯ.އެމްގެ އެންޑްރޫ އެމްބާލާ ވިދާޅުވިއެވެ.
އާއިލާތަކުން ބޭނުންވަނީ އެމީހުންގެ ތިމާގެ މީހުންގެ ހަށިގަނޑު އުފަން ރަށުގައި ވަޅުލުމަށެވެ. އެހެންކަމުން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހަށިގަނޑުތައް އުފުލުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ. އެމްބާލާ ވިދާޅުވި ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ހަށިގަނޑު އުފުލި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ގައުމުގެ އެތެރޭގައި އެއް ރަށުން އަނެއް ރަށަށް ހަށިގަނޑު އުފުލުމުގެ ގިނަ ހާދިސާތަކެއް ވަނީ ފާހަގަކުރެވިފައެވެ.
އައި.އޯ.އެމް އިން ބަލި މޮނިޓަރ ކުރުމުގެ ތެރެއިން، އެކި ސަރަހައްދުތަކަށް ވަންނަ ދޮރާށިތަކުން 105 ހަށިގަނޑެއް ވަނީ ހިފަހައްޓާފައެވެ. ރައްކާތެރި ގޮތުގައި މި ހަށިގަނޑުތައް ނުގެންގުޅެވޭ ނަމަ، މީގެ ސަބަބުން މުޅިން އާ ސަރަހައްދުތަކަށް ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާ އިން އިންޒާރު ދެއެވެ.
ހިފެހެއްޓުނު ހަށިގަނޑުތަކުގެ ސާމްޕަލް ނަގައި ތަހުލީލު ކުރުމަށްފަހު، ރައްކާތެރި އަދި އިހުތިރާމްލިބިގެންވާ ގޮތަކަށް ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ޓީމަކާ ހަވާލުކުރެވުނު ކަމަށް އައި.އޯ.އެމް އިން ބުނެއެވެ.
އެމްބާލާ ވަނީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހަށިގަނޑެއް ގެންދިއުމުގެ ސަބަބުން، ކުރިން ބަލި ނެތް “ޗޯޕޯ” (Tshopo) ޕްރޮވިންސަށް ބަލި ފެތުރުނު ހާދިސާއެއް މިސާލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އައި.އޯ.އެމްގެ ރީޖަނަލް ޑައިރެކްޓަރ ފްރާންޓްޒް ސެލެސްޓިން ވިދާޅުވި ގޮތުގައި، އެންމެ ދެ ހަފުތާގެ ތެރޭގައި ބަލިޖެހޭ މިންވަރު ގާތްގަނޑަކަށް 70 އިންސައްތަ އިތުރުވެފައިވާއިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް 40 އަށްވުރެ ގިނަ އާ ކޭސް ރިޕޯޓް ކުރެވެއެވެ.
އދ. ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ރައްކާތެރި ގޮތުގައި މީހުން ވަޅުލުމަށް ކުރާ މަސައްކަތަށް މުޖުތަމައުގެ ބައެއް ފަރާތްތަކުގެ ފަރާތުން ދަނީ ހުރަސްތަކެއް ކުރިމަތިވަމުންނެވެ. ހަށިގަނޑުތަކާ ހަވާލުވެ ވަޅުލުމުގެ ކަންކަން ކުރާ ޓީމުތަކަށް އާންމުންގެ ނުރުހުމާއި، ބައެއް ހާލަތްތަކުގައި ހަމަލާތަކާ ވެސް ކުރިމަތިލާން ޖެހިފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ އޮފިޝަލުން ވިދާޅުވީ، ބަލިޖެހިފައިވާ މީހުންނާ ބައްދަލުވި ފަރާތްތަކުގެ ތެރެއިން ފަސްބައިކުޅަ ހަތަރުބައި މީހުން މިހާރު މޮނިޓަރ ކުރެވެމުންދާ ކަމަށެވެ. ނަމަވެސް ބާކީ ތިބި މީހުން ދެނެގަތުމަށް ވަނީ ދަތިވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ސަރަހައްދުގެ ނާމާންކަމާއި، ސިއްހީ އެހީތެރިންނަށް އާންމުން ކުރާ އިތުބާރު ކުޑަވުމުގެ ސަބަބުން އެމީހުންނާ ހަމައަށް ވާސިލުވުމަށް ހުރަސްތަކެއް ހުރުމެވެ.




