ޚަބަރު

ލަންކާގެ ގާތިލަކު ރާއްޖޭގައި ފިލައިގެން އުޅެނިކޮށް އަތުލައިގަނެ ލަންކާއާ ހަވާލުކޮށްފި

ސްރީލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހަކު، ރާއްޖޭގައި ފިލައިގެން އުޅެނިކޮށް ދިވެހި ފުލުހުން އަތުލައިގަނެ ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.

އުމުރުން 23 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ވަގުތު އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި މި މަރުގެ ހާދިސާ ހިނގާފައިވަނީ ކޮލަމްބޯއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ އަކުރެގޮޑާ ސަރަހައްދުގެ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައެވެ. ކާރެއްގެ ތެރޭގައި ތިއްބާ ބަޑިން ހަމަލާދީ އެ ދެމަފިރިން މަރާލުމަށްފަހު، ތުހުމަތުކުރެވޭ މީހާ ވަނީ ފިލައިގެން ރާއްޖެއަށް އައިސްފައެވެ. އޭނާ ހޯދުމަށް ލަންކާގެ ސީއައިޑީން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

ލަންކާގެ އެތުކަންދުރާއަށް ނިސްބަތްވާ މި ޒުވާނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް، ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ދިވެހި ފުލުހުންނާއި ލަންކާގެ އިދާރާތައް ގުޅިގެން ކުރި މި މަސައްކަތުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ކުށްވެރިން ހޯދުމުގައި އޮންނަ އެއްބާރުލުން ވަނީ ހާމަވެފައެވެ. އޭނާ މިހާރު ހުރީ ލަންކާގެ ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close