ސްކޭމާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއްގައި ރާއްޖެ ހިމެނޭހެން 3,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތަކާއި ސްކޭމްގެ ވިއުގަތައް ހަލާކުކޮށްލުމަށް ރާއްޖެ ހިމެނޭ ގޮތަށް 13 ގައުމެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއްގައި، 3،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ލައްކައަކަށްވުރެ ގިނަ ބޭންކް އެކައުންޓް ފްރީޒްކޮށްފިއެވެ.
“އޮޕަރޭޝަން ފްރޮންޓިއަރ+ III”ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު މިފަދަ ތިންވަނަ އޮޕަރޭޝަން ކަމަށްވާއިރު، މި އޮޕަރޭޝަން ނިންމާލުމަށްފަހު ކްރޮސްރޯޑްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިންގަޕޫރުގެ ކޮމިޝަނާ އޮފް ޕޮލިސް، އައިލީން ޔެޕް ވަނީ މީގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.
އައިލީން ވިދާޅުވި ގޮތުގައި މިއަހަރުގެ މާޗް މަހުގެ 10 އިން ފެށިގެން މޭއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި ސްކޭމްތަކާ ގުޅުންހުރި 138،029 މައްސަލައެއް ތަހުގީގުކޮށް، 7،553 މީހުންނާ ވަނީ ސުވާލުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 101،989 ބޭންކް އެކައުންޓެއް ފްރީޒްކޮށް، ކުށުގެ ތުހުމަތުގައި 3،018 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަން ހިންގި މުއްދަތުގައި ސްކޭމްތަކުގެ ސަބަބުން އާންމުންގެ އަތުން 752 މިލިއަން އެމެރިކާ ޑޮލަރު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން 161 މިލިއަން އެމެރިކާ ޑޮލަރު ހިފަހައްޓަން ފުލުހުންނަށް ކާމިޔާބުވެފައިވާ ކަމަށްވެސް އައިލީން ވިދާޅުވިއެވެ.
މި ބޮޑު ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ދުނިޔޭގެ އެކި ގައުމުތަކުން ޖުމްލަ 3،292 ފުލުހުންގެ އޮފިސަރުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
ފްރޮންޓިއަރ+ އެލަޔަންސްގައި ރާއްޖޭގެ އިތުރުން ހިމެނޭ ގައުމުތަކަކީ އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ދެކުނު ކޮރެއާ އަދި ތައިލޭންޑެވެ.




