ޔޫކްރޭންގައި ބޭނުންކުރާނެ ޑްރޯން ރަޝިޔާއަށް ފޯރުކޮށްދިނުމަށް އީރާނުން ތައްޔާރުވަމުން ދަނީ: އެމެރިކާގެ އިސް އޮފިޝަލެއް
ޔޫކްރޭންގައި ބޭނުންކުރާނެ ޑްރޯން ރަޝިޔާއަށް ފޯރުކޮށްދިނުމަށް އީރާނުން ތައްޔާރުވަމުން ދާކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ތުހުމަތު ކުރައްވައިފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރާނެ “ސަތޭކައެއްހާ” ޑްރޯން އީރާނުން ރަޝިޔާއަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި މި މަހުގެ ކުރީކޮޅު ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
“އަޅުގަނޑުމެންގެ މައުލޫމާތުން އެނގޭ ގޮތުގައި އީރާން ސަރުކާރުން ތައްޔާރުވަމުންދަނީ ހަތިޔާރު ބޭނުންކުރެވޭ ޔޫއޭވީތައް ހިމެނޭ ގޮތަށް ރަޝިޔާއަށް އަވަސް ޓައިމްލައިނެއްގައި ފޯރުކޮށްދިނުމަށް،” ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ މައުލޫމާތުން އިތުރަށް ދައްކާ ގޮތުގައި އީރާނުން މި ޔޫއޭވީތައް ބޭނުން ކުރުމަށް ރަޝިޔާގެ ސިފައިން ތަމްރީނު ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، ޖުލައި މަހުގެ ކުރީކޮޅު ފުރަތަމަ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވޭ،” ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އިތުރަށް ވިދާޅުވި އެވެ.
ސުލިވާން ވިދާޅުވީ އީރާނުން އެއިން އެއްވެސް ޑްރޯނެއް އަދި ރަޝިޔާއަށް ފޯރުކޮށްދީފައިވޭތޯ “ސާފު ނުވާ” ކަމަށެވެ. “އެކަމަކު މިއީ ހަމައެކަނި އީރާން ފަދަ ގައުމުތަކަށް ރަޝިޔާއިން ބަލަމުންދާ ޤާބިލުކަން ހުރި ގޮތުގެ އެއް މިސާލު، އެ ޤާބިލުކަން ވެސް ބޭނުން ކުރަމުންދޭ… ސައުދީ އަރަބިއްޔާއަށް ހަމަލާ ދިނުމަށް،” އޭނާ ވިދާޅުވި އެވެ.
ސުލިވާން މިހެން ވިދާޅުވީ ޔޫކްރޭންގެ ވެރިރަށް ކިއެވް ހިފުމުގެ އަސާސީ މަގުސަދުގައި ރަޝިޔާ ނާކާމިޔާބުވާނެ ކަމަށް އެމެރިކާއިން ގަބޫލުކުރޭތޯ ނުވަތަ ނޫންތޯ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ “ޔޫކްރޭންގެ ހިތްވަރާއި ހުޅަނގުން ޔޫކްރޭނަށް ދިން އެއްބާރުލުން” އެގައުމުގެ ވެރިރަށް ދިފާއު ކުރެވޭނެ ކަމުގެ ޔަގީންކަން އެމެރިކާއަށް އެބައޮތް ކަމަށެވެ.
އެމެރިކާގެ އޮފިޝަލް ފާހަގަކުރެއްވީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއިން ތަހައްމަލު ކުރަމުންދާ ބޮޑެތި ހަރަދުތަކެއް ކަމަށާއި، އެއީ ހަމަ އެގައުމުގެ އަމިއްލަ ހަތިޔާރު ދެމެހެއްޓުމާ ގުޅޭ ގޮތުން ކަމަށެވެ.
“އަޅުގަނޑުމެންގެ ނަޒަރުން ބަލާއިރު، ޔޫކްރޭންގެ ފައިދާހުރި ދިފާއު ދެމެހެއްޓުމަށް އެހީތެރިވުމަށާއި، ޔޫކްރޭން މެޕުން ފޮހެލަން މަސައްކަތް ކުރުމަށް ރަޝިޔާއިން ކުރާ މަސައްކަތަކީ ކާމިޔާބެއް ނުވާނެކަން ދައްކާލުމަށް އެހީތެރިވުމަށް އަޅުގަނޑުމެންގެ ދައުރު އަދާކުރާނަން،” ސުލިވާން ވިދާޅުވި އެވެ.


