އެމެރިކާގައި އަންހެނަކު އަންދާލައި މަރާލި މީހަކަށް ދައުވާކޮށްފި

އެމެރިކާގެ ނިއުޔޯކްގެ ސަބްވޭއެއްގައި އަންހެނަކު އަނދާލައިގެން މަރާލި މީހަކަށް ދައުވާ އުފުލައިފިއެވެ.
ނިއުޔޯކްގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އެ މީހާއަކީ އެމެރިކާއަށް ނުވަދެވޭގޮތަށް ޑީޕޯޓްކޮށްލައިފައިހުރި ބިދޭސީއެއްކަން ވަނީ އެނގިފައެވެ. އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އިން ބުނެފައިވަނީ 33 އަހަރުގެ ގުއަޓެމާލާގެ ރައްޔިތެއް ކަމަށްވާ ސެބަސްޓިއަން ޒަޕެޓާ-ކަލިލް އަކީ އެމެރިކާޢިން ޑީޕޯޓްކޮށް ބޭރުކޮށްފައިވާ މީހެއް ކަމަށެވެ.
އައިސީއީ އިން ބުނެފައިވާ ގޮތުގައި ޒަޕެޓާ-ކަލިލް އެމެރިކާއަށް ވަދެފައިވަނީ 2018 ވަނަ އަހަރުގެ ޖޫން 1 ވަނަ ދުވަހު އެރިޒޯނާގެ ސޮނޮއިޓާ އިންނެވެ. އަދި އޭނާ އެމެރިކާއިން ބޭރުކޮށް ގުއަޓެމާލާއަށް ފޮނުވާލާފައިވަނީ އެ އަހަރުގެ ޖޫން 7 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އަނެއްކާވެސް އެމެރިކާއަށް ވަދެފައިވާ ތާރީޚާއި ތަނެއް އެނގިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 7:30 ހާއިރު ސްޓިލްވެލް އެވެނިއު ސަބްވޭ ސްޓޭޝަނުގައި ހުއްޓިފައި އޮތް އެފް ޓްރެއިނެއްގައެވެ. ނިދާފައި އޮތް އަންހެނެއްގެ ގައިގައި ލައިޓަރަކުން އަލިފާން ރޯކޮށްލި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ޒަޕެޓާ-ކަލިލް އަށްވަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ކުށާއި، ދެވަނަ ދަރަޖައިގެ މަރުގެ ކުށާއި، އަދި ފުރަތަމަ ދަރަޖައިގެ އަލިފާން ރޯކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ނިއުޔޯކް ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވި ގޮތުގައި ހާދިސާ ހިނގުމަށްފަހު ޝައްކުކުރެވޭ މީހާ ސަބްވޭ ޕްލެޓްފޯމްގެ ބެންޗެއްގައި އިށީނދެ އިނުމުން، ފުލުހުންގެ ބޮޑީ ކެމެރާއިން އޭނާގެ ސާފު މަންޒަރެއް ނެގިފައިވެއެވެ. އަދި މި މަންޒަރު ވޯންޓެޑް ފްލަޔަރއެއްގެ ގޮތުގައި އާންމުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިސީއީ އިން ބުނެފައިވާ ގޮތުގައި ޒަޕެޓާ-ކަލިލްގެ މައްޗަށް ކުރެވިފައިވާ ޖިނާއީ މައްސަލަ ނިމުމުން، އޭނާ އައިސީއީގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެދި ހުށަހަޅާނެއެވެ. އަދި މިކަމުގެ ސަބަބުން އޭނާ އަނެއްކާވެސް ޤައުމުން ބޭރުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އައިސީއީ އިން ބުނެފައިވެއެވެ.
އެމެރިކާގެ ސިޓީތަކުގައި ހިނގާ މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދެއެވެ. މީގެ ތެރޭގައި ސަބްވޭ ސްޓޭޝަންތަކުގައި ސެކިއުރިޓީ ކެމެރާތައް އިތުރުކުރުމާއި، ފުލުހުންގެ ދައުރު އިތުރުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ޤާނޫނީ ގޮތުން އެމެރިކާގައި ނޫޅެވޭ މީހުން ފާހަގަކޮށް، އެފަދަ މީހުން ޤައުމުން ބޭރުކުރުމުގެ މަސައްކަތްތައްވެސް ހަލުވިކުރަމުންދެއެވެ. މި ހާދިސާއަކީ މިފަދަ ފިޔަވަޅުތަކުގެ މުހިންމުކަން އިތުރަށް ހާމަކޮށްދޭ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.


