ސައޫދީ އަރަބިއްޔާއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި

ސައޫދީ އަރަބިއްޔާގެ ގައުމީ މޫސުމާ ބެހޭ މަރުކަޒުން ހުކުރު ދުވަހު ވަނީ، އެ ގައުމުގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި، ގަނޑުފެން ފޭބުމުގެ އިތުރުން ވެލީގެ ތޫފާންތައް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދީފައެވެ.
މި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އީސްޓަން ޕްރޮވިންސް، ނޮދަން ބޯޑަރސް، ޖައުފް، ހާއިލް، އަލް-ގަސީމް އަދި ރިޔާޟް ސަރަހައްދުތަކަށެވެ. މީގެ އިތުރުން، މަދީނާ، މައްކާ، އަލް-ބާހާ، އާސީރު އަދި ޖީޒާން ހިމެނޭހެން ހުޅަނގާއި ދެކުނުގެ ފަރުބަދަަމަތީ ސަރަހައްދުތަކަށް ވެސް ނުރައްކާ ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ މާހިރުން ފާހަގަކުރައްވައެވެ.
ތަބޫކް އަދި ނަޖްރާން ސަރަހައްދަށް އާދައިގެ ވަރަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ރޭގަނޑާއި ހެނދުނުގެ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް ބޯކޮށް ފުސް ބާލައި، ފެންނަ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެއެވެ.
އާންމު ރައްޔިތުންނަށް އިރުޝާދު ދެމުން ސިވިލް ޑިފެންސް އިން ބުނެފައިވަނީ، ފެންބޮޑުވާ ސަރަހައްދުތަކާއި ވާދީތަކާ ދުރަށް ދިއުމަށެވެ. އަދި ހިކިފައި ހުންނަ ވާދީތަކަކީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޮއިގަދަ ކޯރުތަކަށް ބަދަލުވެދާނެ ތަންތަން ކަމަށްވެސް ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން، ރަސްމީ މޫސުމީ އެޕްލިކޭޝަންތައް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ އިރުޝާދުތަކަށް ބޯލެނބުމަށް ވަނީ އެދިފައެވެ.
މިހާރު ކުރިމަތިވެފައިވާ މޫސުމީ ހާލަތަކީ އާދަޔާ ހިލާފަށް ބާރުގަދަ ބަހާރު މޫސުމުގެ ބައެކެވެ. ބައެއް ޕްރޮވިންސްތަކަށް މި ދުވަސްވަރު ވެހޭ ވާރޭގެ މިންވަރު ވަނީ އާންމުކޮށް ވެހޭ މިންވަރަށްވުރެ 160 އިންސައްތަ އިތުރުވެފައެވެ.
މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މި ހާލަތު ކުރިމަތިވަނީ އިންޑިއާ ކަނޑުން އަރަބި ކަރައަށް ވަންނަމުންދާ ބާރުގަދަ “ޖެޓް ސްޓްރީމް” އެއްގެ ސަބަބުންނެވެ.
މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރި ގޮތުގައި، އެޕްރީލް 20 އިން ފެށިގެން ކުރަމުންދާ މި ވިއްސާރައިގައި ބައެއް ތިރި ހިސާބުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފައެވެ. ރިޔާޟް އަދި އީސްޓަން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި ވާރޭގެ ކުރިން އައި ވެލީގެ ތޫފާނުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވާ މިންވަރަށް ފެންނަ މިންވަރު ވަނީ ދަށްވެފައެވެ.



