ބޭރުދުނިޔެ

އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ސްކޫލަކަށް ހަމަލާދީ ދެ މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި އަންގާރަ ދުވަހުގެ މެންދުރުފަހު ދިން ބަޑީގެ ހަމަލާތަކެއްގައި، ސްކޫލް ދަރިވަރަކު ހިމެނޭހެން ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަހަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރާމަﷲގެ އިރުމަތީގައި އޮންނަ އަލް-މުޣައްޔިރު ފިރިހެން ކުދިންގެ ސްކޫލަށް ވަޒަންވެރިން ދިން މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 14 އަހަރުގެ ދަރިވަރު އައުސް އަލް-ނާޢްސާން އާއި 32 އަހަރުގެ މަރްޒޫޤް އަބޫ ނައީމްއެވެ. މި ހަމަލާގައި ބަޑީގެ ވަޒަން އަރައި އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިއަކު ވަނީ ފަލަސްތީނުގެ ތިންވަނަ މީހަކު ވެސް ޝަހީދުކޮށްލާފައެވެ. ‘ވަފާ’ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެބްރޮން ކައިރީގައި ހިނގި މި ހާދިސާގައި ޝަހީދުވެފައިވަނީ އުމުރުން 16 އަހަރުގެ މުޙައްމަދު އަލް-ޖައުބަރީއެވެ. އޭނާ ޝަހީދުވީ އިސްރާއީލުގެ ވަޒަންވެރިއަކު އޭނާގެ ގައިމަތިން އުޅަނދެއް ދުއްވާލުމުގެ ސަބަބުންނެވެ.

ހަމައެއާއެކު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޖެނީންގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 49 އަހަރުގެ ރާޖާ ބިތާވީ ވެސް އަންގާރަ ދުވަހު ނިޔާވެފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ.

ވޭތުވެދިޔަ މަހު އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ވަނީ އިސްރާއީލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިފަދަ ހަމަލާތައް ހުއްޓުވުމަށާއި، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ރައްކާތެރިކުރުމަށް އިސްރާއީލު ސަރުކާރަށް ވަނީ ގޮވާލާފައެވެ.

‘ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓަންސް ކޮމިޝަން’ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާޗް މަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލު ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި މަދުވެގެން 497 ހަމަލާ ދީފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް ހިންގާފައިވަނީ ހެބްރޮން، ނާބުލުސް، ރާމަﷲ އަދި ގުދުސްގައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ގާއިމުކޮށްފައިވާ ހުރިހާ ވަޒަންވެރިވުންތަކަކީ ޣައިރު ގާނޫނީ އަމަލުތަކެކެވެ. 1967 ވަނަ އަހަރު އިސްރާއީލުން ހިފި އިރުމަތީ ގުދުސް ނުހިމަނައި، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 3 މިލިއަން ރައްޔިތުންނާއެކު އިސްރާއީލުގެ ގާތްގަނޑަކަށް 500,000 ވަޒަންވެރިން ދިރިއުޅެމުންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close