އަނެއްކާވެސް ތެލުގެ އަގު 3 އިންސައްތައަށް އުފުލިއްޖެ

އެމެރިކާއިން އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފެހެއްޓުމާ ގުޅިގެން، ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެކަމުގެ ބިރު ބޮޑުވެ، ތެލުގެ އަގު 6 އިންސައްތައަށްވުރެ މައްޗަށް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ވަނީ ގާތްގަނޑަކަށް މެދުކެނޑިފައެވެ.
ސައުދީ ގަޑިން ހެނދުނު 11:07 ހާއިރު ބްރެންޓް ކުރޫޑްގެ އަގު 6.05 އިންސައްތަ މައްޗަށް ދިޔަ ނަމަވެސް، ހަވީރު 5:07 އާ ހަމައަށް އައިއިރު އެ އަދަދު ވަނީ 3.5 އިންސައްތަ ނުވަތަ 3.16 ޑޮލަރަށް ދަށްވެފައެވެ. މިއާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 93.54 ޑޮލަރުގައެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (WTI) ގެ އަގު ކުރިން 6.51 އިންސައްތަ މައްޗަށް ދިޔުމަށްފަހު، ދުވަސް ނިމުނުއިރު ހުރީ 4.35 އިންސައްތަ ނުވަތަ 3.65 ޑޮލަރު މަތީގައެވެ. އެއީ ފީފާއެއް 87.50 ޑޮލަރުގެ މަގުންނެވެ.
މިދިޔަ ހުކުރު ދުވަހު އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކަނޑުއޮޅި ދެން ދުވަހަކުވެސް ބަންދުނުކުރަން އީރާނުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެން، ތެލުގެ އަގު ވަނީ 9 އިންސައްތައަށް ވެއްޓިފައެވެ. މިއީ އޭޕްރީލް 18 ގެ ފަހުން ތެލުގެ އަގު އެހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.
ސްޕާޓާ ކޮމޮޑިޓީޒްގެ ސީނިއާ އޮއިލް މާކެޓް އެނަލިސްޓް ޖޫން ގޯ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި ހުޅުވާލިކަން އިއުލާންކުރިތާ 24 ގަޑިއިރު ނުވަނީސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބައެއް ތެޔޮ ބޯޓުތަކަށް ހަމަލާދިނުމުން، އުޅަނދުފަހަރު ދަތުރުކުރުމަށް ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ދުވާލަކު 10 އިން 11 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ އުފެއްދުން މެދުކެނޑިފައި އޮތުމުން ބާޒާރުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ބްލޮކޭޑް ނުވަތަ ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކުރަން އުޅުނު އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފެހެއްޓިކަމަށް އާދިއްތަ ދުވަހު އެމެރިކާއިން ބުނެފައިވާއިރު، އީރާނުން ވަނީ މީގެ ބަދަލުހިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިއާއެކު ދެގައުމުގެ މެދުގައި އަލުން ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މީގެއިތުރުން، މި ހަފުތާގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެމެރިކާއިން ބާއްވަން ބޭނުންވި މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިނުވާނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.
މި ހަމަލާތައް ފެށުނުއިރު ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި، އީރާނުން ބައެއް ފަހަރު ބަންދުކޮށް އަދި ބައެއް ފަހަރު ހުޅުވަމުންދާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.
އެމް.އެސް.ޓީ މާކީގެ ރިސާޗް ހެޑް ސޯލް ކެވޮނިކް ވިދާޅުވި ގޮތުގައި، ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅެނީ ބިމުގެ ހަގީގީ ހާލަތަށްވުރެ ބޮޑަށް، ސޯޝަލް މީޑިއާގައި އެމެރިކާއާއި އީރާނުން ކުރާ ޕޯސްޓުތަކަށް ބިނާކޮށެވެ. އަދި ކަނޑުއޮޅި ހުޅުވާލި ކަމަށް ބުނި ބުނުމަކީ އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ކަމަށާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވަނީސް އުޅަނދުފަހަރުގެ ވެރިން އެ ސަރަހައްދަށް ދަތުރުކުރަން ޖެހިލުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކްލެޕަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޮނިހިރު ދުވަހު ތެލާއި، އެލް.ޕީ.ޖީ އާއި، ދަނގަޑާއި ކާދު ހިފައިގެން 20 އަށްވުރެ ގިނަ އުޅަނދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ. މިއީ މާރިޗު 1 ގެ ފަހުން އެ ސަރަހައްދުން އެންމެ ގިނަ އުޅަނދު ދަތުރުކުރި ދުވަހެވެ.


