ބޭރުދުނިޔެ

އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާދިނުމަކީ ނުރައްކާތެރި އަމަލެއް: ޔޫއޭއީ

އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާދިނުމަކީ މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އިން އިންޒާރު ދީފިއެވެ.

ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤަތަރުގެ ނޯތު ފީލްޑާ ހަމައަށް ފެތުރިފައިވާ އީރާނުގެ ސައުތު ޕާސް ފީލްޑްގެ އުމްރާނީ ވަސީލަތްތަކަށް ދޭ ޙަމަލާތަކަކީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ކުރިމަތިވާނެ ސީދާ ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން، ހަކަތައިގެ ވަސީލަތްތަކަށް ދޭ ޙަމަލާތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމު ރައްޔިތުންނާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަދަނީ އަދި ސިނާޢީ މުހިންމު ތަންތަނަށް ނުރައްކާ ކުރިމަތިވެދާނެކަމަށް އެ ވުޒާރާއިން ވަނީ އިންޒާރުކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުމަށާއި، އެއްވެސް ޙާލަތެއްގައި މުހިންމު އުމްރާނީ ވަސީލަތްތަކަށް ޙަމަލާ ނުދިނުމަށް ޔޫއޭއީން ވަނީ ގޮވާލާފައެވެ.

ޔޫއޭއީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އީރާނުގެ ދެކުނުގެ ސަހަރެއް ކަމަށްވާ އަސަލޫޔޭގައި ހުންނަ ސައުތު ޕާސް ފީލްޑްގެ ގޭސް ރައްކާކުރާ ތާނގީތަކަށް އެމެރިކާއާއި އިސްރާއީލުން ބުދަ ދުވަހު ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ޙަމަލާތަކާ ގުޅިގެން، ދުވާލެއްގެ މައްޗަށް 100 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފައްދާ ދެ ރިފައިނަރީއެއްގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންގެންދާ ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް 1،300 އެއްހާ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

މިކަމުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލާއި، އުރުދުންއާއި، އިރާޤުގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތަކުގެ ސަބަބުން މީހުން މަރުވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުންވަމުންދާއިރު، ދުނިޔޭގެ ބާޒާރަށާއި ވައިގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close