ބޭރުދުނިޔެ

ފީފާ އާއި ބޯޑް އޮފް ޕީސް ގުޅިގެން ފުޓްބޯޅައިގެ ޒަރީއާއިން ޣައްޒާ އާރާސްތުކުރުމަށް އެހީތެރިވުމަށް ނިންމައިފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އާއި ބޯޑް އޮފް ޕީސް އާ ދެމެދު ބުރާސްފަތި ދުވަހު ވަނީ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ފުޓްބޯޅަ މެދުވެރިކޮށް، ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ލީޑަރުންނާއި މުއައްސަސާތަކުގެ އިންވެސްޓްމަންޓްތައް ހޯދުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އުފައްދާފައިވާ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ހާއްސަކޮށްފައިވަނީ ޣައްޒާ އާރާސްތުކުރުމަށް ބޭނުންވާ ފަންޑަށެވެ. މި މަޝްރޫއުގެ އަމާޒަކީ ހަމާސްގެ ހަތިޔާރު އެޅި ހަރަކާތްތައް ހުއްޓާލުމުން، އެ ސަރަހައްދު އަލުން އާރާސްތު ކުރުމެވެ.

ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި މި ބޯޑުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމާއި، އެއާ އެކު އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ފޭބުމާއި، އާރާސްތުކުރުމަށް ބޭނުންވާ ފަންޑުގެ މިންވަރާއި، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ފީފާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ސްކޫލްތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ކައިރީގައި 50 ކުޑަ ފުޓްބޯޅަ ދަނޑު އެޅުމާއި، އެކި އަވަށްތަކުގައި ފުލް-ސައިޒްގެ 5 ދަނޑު އެޅުމަށް ވަނީ ރޭވިފަ އެވެ. މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކާ އެކު ފީފާ އެކަޑަމީއަކާއި، 20،000 މީހުންގެ ޖާގަ ހިމެނޭ ގައުމީ ފުޓްބޯޅަ ދަނޑެއް ބިނާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، ޣައްޒާގައި ފުޓްބޯޅައާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފީފާއިން 75 މިލިއަން ޑޮލަރު ހޯދާނެ އެވެ.

މިކަމާ ގުޅޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދު ފީފާ އާއި ބޯޑް އޮފް ޕީސް އާ ދެމެދު ސޮއިކުރެވުނު ތާރީޚީ އެއްބަސްވުމުގެ ސަބަބުން، ހަނގުރާމައަށް ފަހު ސަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތަށް ފުޓްބޯޅައިގެ ޒަރީއާއިން އިންވެސްޓްމަންޓްތައް ލިބިގެންދާނެ ކަމަށެވެ. އަދި ބޯޑް އޮފް ޕީސްގެ އެހީތެރިކަމާ އެކު، ފީފާއިން މި މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ މަރުހަލާއެއްގައި ވެސް ހެޔޮ ބަދަލުތަކެއް ފެންނާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، ޒުވާނުން ބައިވެރިކުރުމާއި، އަންހެން އަދި ފިރިހެން ކުދިންނަށް ހާއްސަ ލީގުތައް ބޭއްވުމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، އެ ސަރަހައްދުގެ ވިޔަފާރިތަކަށް ދިރުން ގެނައުމަށް އިސްކަންދޭނެ ކަމަށް ވެސް ފީފާއިން ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close