އެމްޑީޕީގެ ލީޑަރުންގެ “ކޯޅުން” ހައްލުކުރުމަށް ފައްޔާޒް ކުރެއްވި މަސައްކަތަށް ނަޝީދު ތައުރީފު ކުރައްވައިފި

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ހަމަޖެއްސުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރެއްވި ބުރަ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތައުރީފު ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒަށް ޝުކުރު އަދާކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.
މި ހިޔާލުތަފާތުވުންތައް އުފެދުނީ ދާދިފަހުން ބޭއްވި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލައިގައެވެ. މިކަމާ ގުޅިގެން ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މޫސާ (ގަޕޯ) އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، ގަޕޯ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.
ނަމަވެސް، ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހުރިހާ ހިލާފުތަކެއް މިހާރު ނިމުމަކަށް އައިސް، ޕާޓީގެ ލީޑަޝިޕް އެކަތިގަނޑަކަށް ވެފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ ވަރުގަދަ އަޒުމަކާއެކު އެކުގައި ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

