ޚަބަރު

އެމެރިކާގެ ޓޭންކަރު މަތިންދާބޯޓުތައް މެދުއިރުމައްޗަށް ގެންދަނީ

އިސްރާއީލާއި އިރާނާ ދެމެދު ހަނގުރާމައެއްގެ ބިރު ބޮޑުވެ، އެމެރިކާގެ ސިފައިން ވެސް ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތުމާއެކު، އެމެރިކާގެ ވައިގެ ސިފައިންގެ، ޓޭންކަރު މަތިންދާބޯޓުތައް މެދުއިރުމައްޗަށް ގެންދާކަމަށް، މަތިންދާބޯޓުތަކުގެ ދަތުރުތައް ޓްރެކްކުރާ މަސްދަރުތަކުން ބުނެފިއެވެ.

މިކަމާ ގުޅިގެން ޕެންޓަގަނުން ވަނީ، މެދުއިރުމަތީ ސަރަހައްދަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށް ޑިފެންސް ސެކެޓްރީ ޕީޓް ހެގްސެތު ހޯމަ ދުވަހު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކޮށް ނޫސްބަޔާނެއް ނެރެފައެވެ.

އިސްރާއީލާއި އިރާނުގެ ހަމަލާތައް ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން އެގައުމުގެ އަސްކަރީ ބާރުތައް އަލުން އެ ސރަހައްސަށް ފޮނުވަމުންދާތީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. 

އިސްރާއީލާ ގުޅިގެން އިރާނަށް ހަމަލާ ދިނުމުގައި ބައިވެރިނުވާނެ ކަމަށް ވޮޝިންޓަނުން ބުނެފައިވީ ނަމަވެސް، އެމެރިކާގެ މި އަސްކަރީ ހަރަކާތްތަކަކީ، އިރާނަށް ހަމަލާ ދިނުމުގެ ހަނގުރާމައެއްގައި އެމެރިކާ ބައިވެރިވުމުގެ ފުރުސަތު ބޮޑުކަމުގެ ސިގްނަލެއް ކަމަށް ބެލެވެއެވެ. 

މީގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް އެއްބަސް ނުވެއްޖެނަމަ އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރެއް ދެއްވާފައެވެ.

ފްލައިޓްރޭޑަރ 24 ގެ ޑޭޓާއިން ދައްކާ ގޮތުގައި، ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށާއި، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ސިފައިން އުފުލުމަށް އާންމުކޮށް ބޭނުންކުރާ KC-135R ސްޓްރެޓޮޓޭންކަރ އަދި KC-46A ޕެގަސަސް މަރުކާގެ ޓޭންކަރު މަތިންދާބޯޓުތައް ޔޫރަޕް ތެރެއިން މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވެއެވެ. 

‘ދަ ވޯ ޒޯން’ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެޑަޒަނަށް ވުރެ ގިނަ މިފަދަ ޓޭންކަރު މަތިންދާބޯޓު އެމެރިކާގެ އެކި ހިސާބުތަކުން ފުރައިގެން މެދު އިރުމައްޗަށް ދަތުރުކޮށްފައިވެއެވެ. 

މީގެ އިތުރުން، އެމެެރިކާގެ ނޭވީގެ، މަތިންދާބޯޓު އުފުލާ ބޯޓުފަހަރު ‘ޔޫއެސްއެސް ނިމިޓްޒް’ ވެސް އޭޝިއާގެ ސަރަހައްދުން މެދުއިރުމައްޗާ ދިމާއަށް ދަތުރުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އެއާޑިފެންސްގެ އޮފިޝަލަކު ނޫސް ނިއުސްވީކް އަށް ވިދާޅުވި ގޮތުގައި، “މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިން ހިމާޔަތްކުރުމުގެ ވާޖިބުގެ ދަށުން، ޑިފެންސް ސެކެޓްރީ ޕީޓް ހެގްސެތު ވަނީ ނިމިޓްޒް ކެރިއަރ ސްޓްރައިކް ގްރޫޕް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ސަރަހައްދަށް ފޮނުވުމަށް އަންގަވާފައެވެ. 

އެއީ އެމެރިކާގެ ދިފާއީ ހާލަތު ދެމެހެއްޓުމަށާއި އެމެރިކާގެ ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި އެމެރިކާގެ ޔޫރަޕިއަން ކޮމާންޑް (ޔޫކޮމް) ގެ ސަރަހައްދުގައި، އިރުމަތީ މެޑިޓަރޭނިއަންގައި، އެމެރިކާގެ ގައުމީ ސަލާމަތީ މަގުސަދުތައް ހާސިލްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close