ސައުދީ އަރަބިއްޔާގައި 1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން 50 ހޮޓާ އެޅުމަށް ނިންމައިފި

އެމެރިކާގެ މިއާމީގައި ބޭއްވި ‘ފިއުޗަރ އިންވެސްޓްމަންޓް އިނީޝިއޭޓިވް’ (އެފް.އައި.އައި) ގެ އަހަރީ ކޮންފަރެންސްގައި، ‘އަޔާރާ’ (AYARA) ގެ ނަމުގައި ހޮސްޕިޓާލިޓީ ޕްލެޓްފޯމެއް އަދި ވިޔަފާރީގެ އިއްތިހާދެއް އުފައްދާފައިވާކަން ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ. މި ޕާޓްނަޝިޕްގެ އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަގުވާމީ ފެންވަރުގެ މަޝްހޫރު ބްރޭންޑްތަކުގެ 50 ބިޒްނަސް ހޮޓާ ގާއިމުކުރުމެވެ.
މި 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ޓެކްސަސްގެ ޑަލަސްގައި ހުންނަ ‘ޕަޓޭލް ފެމިލީ އޮފީސް’ އާއި ސައުދީގެ ސިނާއީ ބޮޑު ކުންފުންޏެއް ކަމަށްވާ ‘އަބްދުލްހާދީ އޭ. އަލް-ގަހްތާނީ އެންޑް ސަންސް’ އާ ދެމެދުގައެވެ. މި ދެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ސައުދީގެ އިގްތިސާދީ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
އެފް.އައި.އައި ކޮންފަރެންސްގައި ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ޕަޓޭލް ފެމިލީ އޮފީސްގެ ވައިސް ޗެއާޕާސަން އަދި މެނޭޖިންގ ޕާޓްނަރު ލަކްޝްމީ ނާރާޔަނަން ވިދާޅުވީ، ސައުދީ އަރަބިއްޔާ މުޅި ދުނިޔެއަށް ހުޅުވާލަމުންދާއިރު، އެގައުމުގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބެމުންދާ ކަމަށެވެ. އަދި ސައުދީއަށް އަންނަ ބޮޑު ބަދަލާއެކު، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ބިޒްނަސް ހޮޓާތަކަށް އޮތް ބޭނުން ބޮޑުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޔާރާ ފަދަ ޕްލެޓްފޯމްތަކަކީ ބައިނަލްއަގުވާމީ ތަޖުރިބާއާއި ރަށު ފެންވަރުގައި މަސައްކަތް ހިންގުމުގެ ގާބިލުކަން އެކުލެވިގެންވާ ތަންތަން. މިއީ ސައުދީގެ އިގްތިސާދީ ކުރިއެރުމުގެ ދެން އޮތް މަރުހަލާގައި ހޮސްޕިޓާލިޓީ ދާއިރާގެ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ،” ނާރާޔަނަން ވިދާޅުވިއެވެ.
އަބްދުލްހާދީ އޭ. އަލް-ގަހްތާނީ އެންޑް ސަންސްގެ ސީ.އީ.އޯ އަދި އޭޓީކިއު (ATQ) ހޮސްޕިޓާލިޓީ ގްރޫޕްގެ ޗެއާޕާސަން އަބްދުލްމަލިކް ތާރިގް އަލް-ގަހްތާނީ ވިދާޅުވީ، ސައުދީގައި މިހާރު ފެންނަމުންދާ ފަދަ ބޮޑު އިގްތިސާދީ ބަދަލެއް ގެނައުމަށްޓަކައި އައު ބާވަތްތަކުގެ ގުޅުންތަކާއި އައު އުސޫލުތައް ބޭނުންވާ ކަމަށެވެ. އަދި އަޔާރާ ޕްލެޓްފޯމްގެ ދަށުން އިމާރާތްކުރުމާއި، ތަކެތި ހޯދުމާއި، ހޮޓާ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނައުމުން، މަސައްކަތުގެ ދުވެލި އަވަސްވެ، ހަރުދަނާ މިންގަނޑުތަކެއް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފް.އައި.އައިގެ ޗެއާޕާސަން އަދި އެކްޓިންގ ސީ.އީ.އޯ ރިޗަޑް އެޓިއަސް، ކޮންފަރެންސްގެ ދެވަނަ ދުވަހު ވާހަކަދައްކަވަމުން އަޔާރާ ފަދަ ޕާޓްނަޝިޕްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ހަމައެކަނި ފެންވަރު ދެއްކުމަށް ބާއްވާ ކަންކަމެއް ނޫން ކަމަށާއި، އެއީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ކުރިއެރުން ލިބެނީ އެކަނި ތިބެގެން ނޫން ކަމަށާއި، އެއީ ގިނަ ބަޔަކު ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަޔާރާ ޕްލެޓްފޯމުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ކުންފުނިތަކުގެ ދަތުރުވެރިންނަށާއި، މަޝްރޫއުތަކުގައި މަސައްކަތްކުރާ ޓީމުތަކަށާއި، ކޮންސަލްޓަންޓުންގެ އިތުރުން ސައުދީގައި ގާއިމުކުރާ ސަރަހައްދީ މައި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މި މަޝްރޫއުގައި ޒަމާނީ ‘މޮޑިއުލާ’ ކޮންސްޓްރަކްޝަން ބޭނުންކުރުމާއި، ހޮޓަލަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު އަމިއްލައަށް އުފެއްދުން ހިމެނެއެވެ. މީގެ ސަބަބުން މަސައްކަތް އަވަސްވެ، ޚަރަދު ކުޑަވާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
2029 ވަނަ އަހަރުގެ ނިޔަލަށް ރިޔާޟް، ޖިއްދާ، ދައްމާމް ފަދަ މައިގަނޑު ސިޓީތަކާއި، ނިއޯމް (Neom) އަދި ރެޑް ސީ ސަރަހައްދު ފަދަ އަލަށް ތަރައްގީވަމުން އަންނަ ސަރަހައްދުތަކުގައި 5،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ކޮޓަރި ތައްޔާރުކޮށް ނިންމުމަށް މި ޕްލެޓްފޯމުން ވަނީ ރާވާފައެވެ.




