ބޭރުދުނިޔެ

ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމަކީ “އެންމެ އެކަށީގެންވާ” ކަމެއް ނޫން – ޓްރަންޕް

.

މި އަހަރުގެ ހޫނު މޫސުމުގައި އެމެރިކާ އިސްވެ ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިނުވާނެ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައި ވަނިކޮށެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވޯލްޑް ކަޕަށް އީރާނުގެ ގައުމީ ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ޓީމުގެ ކުޅުންތެރިންގެ ފުރާނައާއި ސަލާމަތަށްޓަކައި، އެ ގައުމުން މި މުބާރާތުގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މިއަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނިއުޒީލަންޑް، ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް އީރާނުން ކުޅުމަށް ތާވަލުކޮށްފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްއާއި ސިއެޓްލްގައެވެ.

ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި ގޮތުގައި، އީރާނު ޓީމަށް އެމެރިކާއިން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ އޭނާއަށް ދެއްވާފައެވެ. އިންފަންޓީނޯ އިތުރަށް ވިދާޅުވީ، މީހުން އެއްބައިވަންތަކުރުވުމަށް މިހާރުގެ ހާލަތަށް ބަލާއިރު ވޯލްޑް ކަޕް ފަދަ ހަރަކާތްތައް ވަރަށް މުހިންމު ކަމަށާއި، އެމެރިކާގެ ރައީސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ފީފާއިން ވަނީ ޓްރަމްޕަށް “ސުލްހައިގެ އިނާމު” އަރުވާފައެވެ. ނަމަވެސް މި އިނާމު ލިބުނުތާ ހަތަރު މަސްވެސް ނުވަނީސް، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 2,000 އެއްހާ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ފީފާއިން އަމަލުކުރާ ގޮތް ތަފާތުވުމުގެ ސަބަބުން އެ ޖަމިއްޔާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ރަޝިއާއިން ޔޫކްރޭނަށް އެރުމާއެކު ރަޝިއާ ސަސްޕެންޑް ކުރި ނަމަވެސް، ގާޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފީފާއިން ވަނީ ދެކޮޅު ހަދާފައެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގެ ކުލަބުތައް އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅިފައި އޮތުމުންވެސް، އެ ގައުމު ސަސްޕެންޑް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close