ބޭރުދުނިޔެ

ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމުގެ އިޤްރާރެއްގައި އިނގިރޭސި ވިލާތުގެ އެއްހާސް ކައުންސިލަރުން ސޮއިކޮށްފި

އިނގިރޭސިވިލާތުގައި އަންނަ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ތައްޔާރުކޮށްފައިވާ އިގުރާރެއްގައި އެ ގައުމުގެ 1،000 އަށްވުރެ ގިނަ ކައުންސިލަރުން ސޮއިކުރައްވައިފިއެވެ.

“ޕަލެސްޓައިން ސޮލިޑާރިޓީ ކެމްޕޭން” އިން މިދިޔަ ޑިސެމްބަރު މަހު ފެށި މި ހަރަކާތަކީ، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމަށް ސިޔާސީ ބޭފުޅުންނަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ކައުންސިލްތަކުން ކުރާ ކަންކަމުގައި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކަށް އެހީތެރިވެދޭ ފަދަ އެއްވެސް ބައިވެރިވުމެއް ނެތްކަން ކަށަވަރުކުރުން ވެސް މި އިގުރާރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކެމްޕޭނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 1،152 ކައުންސިލަރުން ވަނީ މި އިގުރާރުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ގްރީން ޕާޓީގެ 387 ކައުންސިލަރުންނާއި، މިހާރު ވެރިކަންކުރާ ލޭބަރ ޕާޓީގެ 375 ކައުންސިލަރުން އަދި ލިބަރަލް ޑިމޮކްރެޓްސްގެ 115 ކައުންސިލަރުން ހިމެނެއެވެ.

މީގެ އިތުރުން ކޮންސަވޭޓިވް ޕާޓީގެ 5 ކައުންސިލަރަކާއި، ސްކޮޓިޝް ނޭޝަނަލް ޕާޓީ، ޕްލެއިޑް ކަމްރީ، ސްކޮޓިޝް ގްރީންސް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ގިނަ އަދަދެއްގެ ކައުންސިލަރުން ވަނީ މި އިގުރާރުގައި ބައިވެރިވެފައެވެ. ނަމަވެސް، ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ “ރިފޯމް ޔޫކޭ” ޕާޓީގެ އެއްވެސް ކެންޑިޑޭޓަކު މިހާތަނަށް މި އިގުރާރުގައި ސޮއިކޮށްފައެއް ނުވެއެވެ.

އަންނަ މާރިޗު މަހު ހުރިހާ ކެންޑިޑޭޓުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ “ވޯޓް ޕަލެސްޓައިން” އާއި “ޕަލެސްޓައިން ސޮލިޑާރިޓީ ކެމްޕޭން” ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޒުވާނުންގެ ޖަމިއްޔާތަކާއި، މުސްލިމް ޖަމާއަތްތަކުން ވެސް ދަނީ މި ކަމަށް އެއްބާރުލުން ދެމުންނެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ، އިސްރާއީލާ ދެކޮޅަށް ހިންގާ ބޮއިކޮޓް ކެމްޕޭން (ބީ.ޑީ.އެސް) އާ އެއްގޮތަށް ކައުންސިލްތަކުގެ ސިޔާސަތުތައް ބައްޓަންކުރުމެވެ. އޭގެ ތެރޭގައި، ކައުންސިލްތަކުން ބަލަހައްޓާ ޕެންޝަން ފަންޑުތަކުން، އިސްރާއީލުގެ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ކުރާ އިންވެސްޓްމަންޓްތައް ހުއްޓާލުން ހިމެނެއެވެ.

ޕަލެސްޓައިން ސޮލިޑާރިޓީ ކެމްޕޭނުން ބުނާ ގޮތުގައި، ލޯކަލް ގަވަރންމަންޓް ޕެންޝަން ސްކީމްގެ ދަށުން ބަލަހައްޓާ ފަންޑުތަކުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކުގައި ބައިވެރިވާ ކުންފުނިތަކުގައި 12.2 ބިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ވަނީ އިންވެސްޓްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close