ޚަބަރު

އިންތިޚާބުތައް އެކުގައި ބޭއްވުމުގެ އިޞްލާޙަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނެގުމަށް ރައީސް ނިންމަވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައުމަށް މަޖިލީހުން ފާސްކުރި 8 ވަނަ އިޞްލާޙު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަރާރަކުން ނިންމަވައިފިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، މިފަދަ ބޮޑު ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލަކީ، މަޖިލީހުން ފާސްކޮށްފައިވާ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ. މިއީ ޤާނޫނުއަސާސީގެ ދަށުން ރައީސަށް ލާޒިމުކުރާ ކަމެކެވެ.

ވޯޓުގެ ނަތީޖާއިން އިޞްލާޙު ގެނައުމަށް ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް ބިލު ތަޞްދީޤުކުރައްވަން ޖެހޭނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލު ބާޠިލުވާނެއެވެ. ސަރުކާރުން މިހާރު ވަނީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close