ބޭރުދުނިޔެ

17 އަހަރު އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ތާރިޤް ރަޙްމާން

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން، ވޭތުވެދިޔަ 17 އަހަރު ދުވަހު ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އެކްޓިންގ ޗެއަރމަން ތާރިޤް ރަޙްމާން، އެގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ މަގު ފަހިވެއްޖެއެވެ.

އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، “ޑާކް ޕްރިންސް” ގެ ނަމުން މަޝްހޫރުވެފައިވާ ތާރިޤް ރަޙްމާން (57 އަހަރު) އަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ނުފޫޒުގަދަ ޝަޚްސިއްޔަތަށް ވުން ގާތެވެ. އެގައުމުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ބީއެންޕީން ކާމިޔާބު ހޯދާނެކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ގައުމުގެ ހިންގުމާ ހަވާލުވެވަޑައިގަންނަވާނީ އޭނާއެވެ.

ތާރިޤް ރަޙްމާނަކީ ކާކު؟
ތާރިޤް ރަޙްމާނަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އާއި، އެގައުމުގެ ކުރީގެ ރައީސް އަދި ބީއެންޕީގެ ބާނީ ޒިޔާއުއްރަޙްމާންގެ ދަރިކަލުންނެވެ. އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ 2008 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

“ޑާކް ޕްރިންސް” ގެ ނަން
އޭނާއަށް “ޑާކް ޕްރިންސް” ގެ ނަމުން މުޚާޠަބު ކުރެވެން ފެށީ 2001 އިން 2006 އަށް އޮތް އޭނާގެ މަންމާފުޅު، ޚާލިދާ ޒިޔާގެ ވެރިކަމުގެ ދުވަސްވަރުއެވެ. އެ ދުވަސްވަރު ހިންގި ކަމަށް ބުނާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި، ސިޔާސީ ގޮތުން ހިންގި އަނިޔާވެރި އަމަލުތަކުގެ ފަހަތުގައި ހުންނެވީ ތާރިޤް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މީގެ ތެރޭގައި 2004 ވަނަ އަހަރު އޭރުގެ އިދިކޮޅު ލީޑަރު ޝައިޚް ޙަސީނާއަށް އަމާޒުކޮށް ދިން ގްރެނޭޑް ހަމަލާ ރޭވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވިފައިވެއެވެ.

ނަމަވެސް ބީއެންޕީންނާއި ތާރިޤް ރަޙްމާން ވިދާޅުވާ ގޮތުގައި، އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކާއި ކުރެވިފައިވާ ދައުވާތަކަކީ ޝައިޚް ޙަސީނާގެ ސަރުކާރުން ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close