މުޒާހަރާތަކާ ގުޅިގެން އީރާނުގައި އަމިއްލަ ވިޔަފާރިތަކެއް ބަންދުކޮށްފި

ފާއިތުވި މަހު މުޅި އީރާނުގައި ކުރިއަށްދިޔަ ނުރައްކާތެރި މުޒާހަރާތަކާ ގުޅިގެން، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އަމިއްލަ ފަރާތްތަކުގެ ގިނަ ވިޔަފާރިތަކެއް ބަންދުކޮށްފިއެވެ. މިކަން ކޮށްފައިމިވަނީ އެ ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސް، އާންމުންނާއި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ އަދި އެމެރިކާއާ އެކު އޮތް ޚާރިޖީ ގުޅުންތައް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
ތެހެރާނުގެ މެދުތެރެއާއި އުތުރު ސަރަޙައްދުގައި ޒުވާނުންގެ މެދުގައި މަޤްބޫލު މި ވިޔަފާރިތައް ބަންދުކުރި ސީދާ ސަބަބެއް ފުލުހުންނާއި ޝަރުޢީ ދާއިރާއިން ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ބެލެވޭ ގޮތުގައި މި ވިޔަފާރިތަކުގެ ތެރެއިން ގިނަ ތަންތަނަކީ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުނު މުޒާހަރާތަކާ ގުޅިގެން ހަޅުތާލުކޮށްފައިވާ ނުވަތަ އިންސްޓަގްރާމް ފަދަ މީސްމީޑިއާ މެދުވެރިކޮށް މުޒާހަރާގެ ބައިވެރިންނަށް ތާއީދުކޮށްފައިވާ ތަންތަނެވެ.
އާންމު ތަންތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފުލުހުންގެ އިދާރާއިން ފާއިތުވި ދުވަސްތަކުގައި ވަނީ ކުދި އަދި މެދު ފަންތީގެ ދިހަވަރަކަށް ވިޔަފާރި ބަންދުކޮށްފައެވެ. މީގެ ތެރޭގައި ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ކޮފީ ރޯސްޓްކުރާ ތަންތަނުގެ އިތުރުން އާޓް ގެލެރީތަކާއި އައިސްކްރީމް ވިއްކާ ތަންތަން ހިމެނެއެވެ. ބަންދުކުރެވުނު ވިޔަފާރިތަކުގެ މީސްމީޑިއާ ޞަފްޙާތަކުގައިވާ ގޮތުން، އެ ތަންތަން ބަންދުކުރީ “ޤައުމުގެ ޤަވާއިދުތަކާ ޚިލާފުވެ، ފުލުހުންގެ އުޞޫލުތަކަށް ބޯނުލެނބުގެ ސަބަބުން” ކަމަށް ބަޔާންކޮށްފައިވެއެވެ.
އީރާނު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ހަލަބޮލިކަމުގެ ތެރޭގައި 3,117 މީހުން މަރުވެފައިވެއެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކާއި އާންމު މުދަލަށް ދީފައިވާ ގެއްލުންތަކުގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ “ޓެރަރިސްޓުން” ނާއި “ހަމަނުޖެހުން އުފައްދާ ފަރާތްތަކެވެ.”
ނަމަވެސް، އދ. އާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނުރައްކާތެރި ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ހެކި އެބަހުއްޓެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާވުމާއި، ހޮސްޕިޓަލްތަކަށް ވަދެ މެޑިކަލް ސްޓާފުން ހައްޔަރުކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެމެރިކާގައި ހުންނަ ‘ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ’ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 6,964 މީހުން މަރުވެފައިވާއިރު، އިތުރު 11,730 މައްސަލައެއް ދަނީ ތަޙުޤީޤު ކުރެވެމުންނެވެ. އީރާނަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ ޚާއްޞަ ރެޕަޓުއާ މައި ސާޓޯ ވިދާޅުވި ގޮތުގައި، އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމުން މަޢުލޫމާތު ހޯދަން ދަތިވި ނަމަވެސް، މަރުވި މީހުންގެ ޢަދަދު 20,000 އަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.



