ރޯދަ ހަދިޔާގެ މަސްދަޅު ކޭސްތައް ތައްޔާރުކޮށް ނިންމާލައިފި، މި ހޮނިހިރުގައި ބަހަންފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ 118,977 ކޭސް މަސްދަޅު ތައްޔާރުކުރުމުގެ މަސައްކަތް މިފްކޯއިން މިއަދު އެއްކޮށް ނިންމާލައިފިކަމަށް އެކުންފުނިން ބުނެފިއެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރިއަށްގެންދިޔަ މި މަސައްކަތް މިއަދު ނިމުނުއިރު، ކަނޑައެޅިފައިވާ އަމާޒަށް 100 އިންސައްތަ ވަނީ ވާސިލްވެފައިކަމަށް މިފްކޯއިން ބުންޏެވެ.
މި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފުލުހުންގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ޚާއްޞަ ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. މާލޭގެ އެކި ސަރަހައްދުތަކުން މަސްދަޅު ލިބޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
އަތޮޅުތެރެއަށް މަސްދަޅު ފޮނުވުމުގެ މަސައްކަތުގެ ދަށުން، އުތުރުގެ ތިން އަތޮޅަށާއި ދެކުނުގެ ހަތަރު އަތޮޅަކަށް މިހާރު ވަނީ ސްޓޮކް ފޮނުވާ ނިންމާފައެވެ. އެހެން ސަރަހައްދުތަކަށް ބޭނުންވާ ސްޓޮކް ފޮނުވުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާއިރު، މާލޭގައި މަސްދަޅު ބެހުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

