ޤައުމީ ޤުރުއާން މުބާރާތުން 1 ވަނަ ހޯދުމުން 1 ލައްކަ ރުފިޔާއާއެކު ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު

ޤައުމީ ޤުރުއާން މުބާރާތުން 1 ވަނަ ހޯދުމުން 1 ލައްކަ ރުފިޔާއާއެކު ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދެއްވަން ރައީސް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތަކަށް ހެދުމުގެ ޢަޒުމް އާ ކުރައްވާފައެވެ.
އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާޅުކުރެއްވި ގޮތުގައި، މާތް ﷲ ގެ ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް އެންމެ ބޮޑު ހިތްވަރެއް ދީ، އެންމެ ބޮޑު އިނާމުތަކެއް ދެވުން މުހިންމެވެ. މިކަމުގެ ތެރެއިން، މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން މައިގަނޑު ބައިން 1 ވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބިގެންދާނެއެވެ. އެގޮތުން، ނުބަލާ ކިޔެވުމުގެ ބައިން، ބަލައިގެން ކިޔެވުމުގެ ބައިން، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް، އެ ފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ތިން ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިއަށްވުރެ ގިނަވެ އަގުބޮޑުވާނެ ކަމަށާއި، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދީނީ ޢިލްމު އުނގެނުމަށް ބާރުއަޅާ، އަދި ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ރަނގަޅު ފުރުޞަތުތަކެއް ފަހިކޮށްދޭ މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.


