އީރާނުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާއަކަށް ނެތް: އީރާން

އީރާނުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާއަށް ނެތްކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު ޓްރަމްޕަށް ރައްދުދެއްވައިފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކަމަށް ހަރުކަށި ރައްދެއް ދެއްވައިފައި މިވަނީ ޔަމަނުގެ ހޫތީންނަށް ދެމުންގެންދާ ތާއީދު ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވުމާ ގުޅިގެންނެވެ.
އަރަގްޗީ ވިދާޅުވީ އީރާނުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ އެއްވެސް ހައްގެއް ނުވަތަ ބައިވެރިވުމެއް އެމެރިކާ ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.
އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔަމަނުގެ ރައްޔިތުން މެރުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލައްވާފައިވެއެވެ.
ޔަމަނުގެ ހޫތީންނަށް ހަމަލާދޭން ޓްރަމްޕް އަމުރުކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ އީރާނުގެ ތާއީދު “ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ” ކަމަށެވެ.
އެމެރިކާއިން ދިން ހަމަލާތަކުގައި 21 މީހަކު މަރުވެފައިވާކަމަށް ހޫތީން ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އީރާނުގެ ޚާރިޖީ ސިޔާސަތު ވޮޝިންޓަނުން ކަނޑައެޅުމުގެ ޒަމާން ނިމިފައިވަނީ 1979 ވަނަ އަހަރު އިސްލާމީ އިންގިލާބުގައި ހުޅަނގުގެ ތާއީދު ލިބިފައިވާ ޝާހުގެ ވެރިކަން ވައްޓާލި ހިސާބުންނެވެ.
ޔަމަނުގައި 2014 އިން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިން ގައުމުގެ ބޮޑު ބައެއް ކޮންޓްރޯލްކުރަމުން ގެންދެއެވެ. ޝިއާ މުސްލިމުންގެ ބައެއް ކަމަށްވާ ހޫތީންނަށް އީރާނުން ދެމުންގެންދާ އެހީތެރިކަމަކީ ސަޢޫދީ އަރަބިއާ އަދި އެމެރިކާ ފަދަ ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ.
2022 ވަނަ އަހަރުން ފެށިގެން، ހޫތީން ވަނީ އިޒްރާއީލާއި އެމެރިކާއަށް ހަމަލާތައް ދީފައިވެއެވެ. ޚާއްސަކޮށް ޣައްޒާގެ ހަނގުރާމަ ފެށުމާއެކު ރަތް ކަނޑުގައި ބައިނަލްއަޤްވާމީ ވިޔަފާރީގެ ދަތުރުފަތުރަށް ހޫތީން ހަމަލާދީ، ހުރަސްއެޅުން ގިނަވެފައިވެއެވެ.
އެމެރިކާއިން މިކަމާ ގުޅިގެން ހޫތީންގެ އަމާޒުތަކަށް ހަމަލާދީފައިވާއިރު، އީރާނާއި އެމެރިކާގެ ދެމެދުގައި މިހާރު ހުރި ކަންބޮޑުވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ.



