ލުބުނާނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިސްރުގެ ރައީސް ދެއްވައިފި

ލުބުނާނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މިސްރުގެ ރައީސް ދެއްވައިފިއެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީ ވަނީ ލުބުނާނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވީ ހޮނިހިރު ދުވަހު ލުބުނާނުގެ ފޮރިންމިނިސްޓަރ ނަޖީބް މިކާތީއާއެކު ކުރެއްވި ފޯނު މަޝްވަރާއެއްގައެވެ. އަލް-ސީސީ ވަނީ ލުބުނާނަށް އަވަސް އެހީތެރިކަމެއް ފޮނުވުމަށް އިރުޝާދު ދެއްވާފައެވެ.
މިސްރުގެ ރިޔާސީ މަގާމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އަލް-ސީސީ ވަނީ “މި ނާޒުކު ވަގުތުގައި ލުބުނާނާއެކުގައި ތިބޭނެ” ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި “އެ ޤައުމުގެ ސަލާމަތާއި، ސުލްޙަވެރިކަމާއި، މިނިވަންކަމާއި، ސަރަޙައްދީ ސަލާމަތަށް ގެއްލުންވާފަދަ އެއްވެސް މަސައްކަތެއް” ބަލައިނުގަންނާނެކަމަށް ވިދާޅުވެފައެވެ.
މިސްރުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި “ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ވަގުތުން އަދި ފުރިހަމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަކީ” މުހިންމު ކަމެކެވެ. އަދި ލުބުނާނަށް ކުއްލި ސިއްޙީ އަދި އިންސާނީ އެހީ ފޮނުވުމަށް ވަގުތުން އިރުޝާދު ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަލް-ސީސީ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ފަލަސްޠީނު ބިންތަކާއި ލުބުނާނަށް ދެމުންދާ އުދުވާނީ ޢަމަލުތައް ހުއްޓުވުމަށް ޒިންމާ ނުނަގައިފިނަމަ، ސަރަޙައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ލުބުނާނުގެ ފޮރިންމިނިސްޓަރ މިކާތީ ވަނީ އެ ޤައުމަށް މިސްރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާލަތު ކޮންޓްރޯލްކުރުމަށް ލުބުނާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.
ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ބޯޑަރު ހަނގުރާމަ ފެށިފައިވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 41,600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަނީ ލުބުނާނަށް ދޭ ހަމަލާތަކުން ސަމާލުވުމަށް އިންޒާރުދީ، މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމަ ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ފާޅުކޮށްފައެވެ.


