ދިރާސީ އާއަހަރުގެ ޓެކްސްޓް ފޮތްތައް މާލޭ ސްކޫލްތަކަށް ދޫކުރަން ފަށައިފި

އަންނަ ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މާލެސިޓީގެ ސްކޫލްތަކަށް ދޫކުރަން ފަށައިފިއެވެ.
މާލޭގެ ސްކޫލްތަކަށް ފޮތްތައް ދޫކުރަން ފެށިކަމުގައިވިޔަސް އަތޮޅުތެރޭގެ ގިނަ ސްކޫލްތަކުގައި އަދި ފޮތްލިސްޓްގެ ވައުޗަވެސް ދޫނުކުރެވެއެވެ. ބައެއް ސްކޫލްތަކުން ބުނީ މިފަހަރުގެ ފޮތްލިސްޓް ވައުޗަރ ދޫކުރުމުގައި މިނިސްޓްރީން ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެސިޓީގެ ސްކޫލުތަކަށް ފޮތްތައް ދޫކުރަން ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފޮތްތައް ދޫކުރަމުން އަންނަނީ ޗާންދަނީމަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލު އިމާރާތުން ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، އެއްވެސް ފޮތެއް ލިބުމުގައި އެއްވެސް ދަތިކަމެއް މި އަހަރު ނެތް ކަމަށާއި ހުރިހާ ފޮތްތަކެއްވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.
ފޮތްތައް، އެޑިއުކޭޝަނުން ދޫކުރަން ފަށާފައިވާ އިރު، ފޮތް ލިސްޓްގެ ވައުޗަރު ދޫކުރާނީ ސްކޫލުތަކުންނެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ގާތްގަނޑަށް ދޮޅު މަަސް ދުވަހަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.
