ޚަބަރު

އިންތިޚާބީ ކައުންސިލަރުން ހުވައިކުރުން އަންނަ މަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ މަޤާމްގެ ހުވައިކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ހުވައިކުރުމާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ރޯދައިގެ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކައުންސިލަރުން ހުވައިކުރާނެ ތަރީޚު ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަ ހުކުރު ދުވަހުގެ ކުރިން އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާވެސް ވީހާވެސް އަވަހަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުންނާއި ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ކައުންސިލްގައި ދެމިތިބޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close