މިނީ ބަހުގެ ދަތުރުތަކަށް މާދަމާ އިން ފެށިގެން އަގު ނަގަނީ
ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ މިނީ ބަހުގެ ދަތުރުތަކަށް މާދަމާ އިން ފެށިގެން އަގު ނަގަން ފަށާނެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ބަސް ދަތުރުތަކަށް ފީ ނަގަން ފެށުމާއެކު އާރްޓީއެލް އެޕާއި ފައިސާ ހިފައިގެން ދިއުމުން ވެސް ބަހުގައި ދަތުރު ކުރެވޭނެ ކަމަށެވެ.
މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކިނަމަވެސް، ފައިސާ މާރުކޮށް ނުދޭނެކަމަށާއި، ކަރުދާސް ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށްވާ ފައިސާ ހަމައަށް ހިފައިގެން ދިއުމަށް އެމް.ޓީ.ސީ.ސީން ވަނީ އިލްތިމާސްކޮށްފައެވެ.
“ދެ ގޮތަކަށް ބަހަށް ފައިސާ ދެއްކޭނެ. އެއް ގޮތަކީ އެޕް މެދުވެރިކޮށް، އަނެއް ގޮތަކީ މިވަގުތު ރަށްރަށުން އަންނަ މީހުންނަށް ހާއްސަކޮށް ހަތް ރުފިޔާ ހިފައިގެން ދިއުމުން ދަތުރު ކުރެވޭނެ. ބަހުން ފައިސާ މާރުކޮށެއް ނުދޭނެ. ދަތުރަށް އަރަން ވާނީ ހަތް ރުފިޔާ ހިފައިގެން، އެހެންނޫނީ ފައިސާ މާރު ކުރަން ވަރަށް ގިނައިރު ބަސް މަޑު ކުރަން ޖެހޭނެ،” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.
ކަރުދާސް ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ ހަމައެކަނި އާރް.ޓީ.އެލް މާލޭ ބަހުގެ ޚިދުމަތަށެވެ. އަދި ކަރުދާސް ޓިކެޓްތައް ވިއްކާނީ ސީދާ ބަހުންކަމަށާއި، ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އާޒިމް ވިދާޅުވީ، ކަރުދާސް ޓިކެޓް ވިއްކުމުގެ އިތުރުން މިމަހުގެ ތެރޭގައި އީ.އެމް.ވީ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ޚިދުމަތާއެކު ވިސާ، އެމެކްސް އަދި މާސްޓަރ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ޓެޕްކޮށްލައިގެން ޓިކެޓަށް ފައިސާ ދައްކާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި އާރް.ޓީ.އެލް ދަތުރު ކާޑެއް ލޯންޗުކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށާއި، އޭރުން ވިސާ، އެމެކްސް ނުވަތަ މާސްޓަރ ކާޑު ނުގެންގުޅޭ ފަރާތްތަކަށްވެސް އާރް.ޓީ.އެލް ދަތުރު ކާޑަށް ފައިސާ އަޅައިގެން ޓިކެޓަށް ފަސޭހައިން ފައިސާ ދައްކާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. ހަމައެހެންމެ ބަހުން ގިނަ ދަތުރުތައް ކުރާ ފަރާތްތަކަށް ކޮންމެ ފަހަރަކު ވަކިން ޓިކެޓެއް ގަތުމުގެ ބަދަލުގައި ބަލްކުކޮށް ޓިކެޓް ގަނެވޭނެ ގޮތަށް އާރް.ޓީ.އެލް އެޕްލިކޭޝަނަށް ބަދަލުގެނެސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބަސް ދަތުރަކީ މާލެ ސަރަހައްދުގެ މީހުންނަށް ވަރަށް ބޭނުންވެފައި ތިބި ހިދުމަތެއް ކަމަށާ، އެކަން އެނގުނީ ލިބެމުންދާ ތަރުހީބާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
“ބަސް ދަތުރު ކުރާއިރު ބަހަށް ތަން ދީގެން ވެސް ދުއްވާ. ވަރަށް ބޮޑު އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ލިބޭ. ބަސް ސާފުކޮށް ބޭއްވުމަށް ހުރިހާ ބޭފުޅުން ވެސް އިސްކަމެއް ދިނުން މުހިންމު،” އާޒިމް ވިދާޅުވި އެވެ. “ދެ ތިން އިންސިޑެންޑެއް ދިމާވި ބަހުގައި ކުރަހާފަ ހުރި. އެއީ ވަރަށް ދެރަ ކަމެއް.”
އާރް.ޓީ.އެލްގެ މިނީ ބަހުގެ ޚިދުމަތަށް 7 ރުފިޔާ ނެގުމަށް އެމް.ޓީ.ސީ.ސީން ނިންމާފައިވާއިރު، 4 ކެޓެގަރީއަކަށް ހިލޭ މި ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.
މިނީ ބަހުގެ ޚިދުމަތައް މާލޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު 3 ރޫޓެކެވެ. އެއީ އޯކިޑް ރޫޓާއި، ސޯސަން ރޫޓުގެ އިތުރުން އަމީނީ ރޫޓެވެ. މި 3 ރޫޓު މެދުވެރިކޮށް ޖުމްލަ 40 ތަނަކަށް ބަސްތައް ހުއްޓާނެއެވެ. އަދި ކޮންމެ 10 މިނެޓަކުން ބަސް ދަތުރުކުރާގޮތަށް ޝެޑިއުލްކޮށްފައިވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ފެށިގެން ދަންވަރު 12:15 އާއި ހަމައަށް މި ޚިދުމަތް ލިބިގެންދާނެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމް.ޓީ.ސީ.ސީން ދަނީ ބޭނުންކުރަމުންނެވެ.