މާފުށީ ޖަލުގެ ޑިއުޓީ ގައިހުރި އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
މާފުށީ ޖަލުގައި ޑިއުޓީ ކުރަމުންދިޔަ އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ކަރެކްޝަނުން ދެންމެ ބުނީ މާފުށީ ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް ނިޔާވީ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު ކަމަށެވެ.
”މާފުށީ ޖަލުގައި ރޭ ޑިއުޓީ ކުރަމުންދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި.” ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ނައުޝާދު އެ ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 03 ވަނަ ދުވަހުކަމަށް ކަރެކްޝަނުން ބުންޏެވެ. އެ ގޮތުން ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓުތަކުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައި ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.
”8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސަރވިސްއަށް ލިބުނު ފުން ހިތާމައެއް.” ކަރެކްޝަނުން ބުންޏެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުއްލި މަރުތަކުގެ އަދަދު ރާއްޖޭގައި ގިނައެވެ. އެހެންކަމުން އެ ފަދަ ހާލަތެއް އައުމުގެ ކުރިން އެކަމުން ސަލާމަތް ވާން އެޅިދާނެ ފިޔަވަޅުތަކަށް ރަށްޔިތުން ހޭލުންތެރިވުން މުހިންމެވެ.
އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަން ޖެހޭ ކަންކަން އަދިވެސް ގިނަ މީހުނަށް ރަނގަޅަށް ނޭނގެއެވެ. އެހެންކަމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
އޭގެ އިތުރުން އެންމެ ކުޑައިރުން ފަށައިގެން ކުއްޖާ ދުޅަހެޔޮ ސިއްހަތަކަށް ބައްޓަން ކުރުމަށް މައިންބަފައިންނާއި މުޖްތަމައިން މަސައްކަތް ކުރުމަކީވެސް މިކަމަށްއޮތް ހައްލެއްކަމުގައި ދެކެމެވެ.

