ޚަބަރު

މައްކާގެ މާތްވެގެންވާ ޙަރަމްފުޅަށް އެތައް ހާސް މުސްލިމުން ރޭ ވަނީ ޖަމާވެފައި

ޝައްކެއް ނެތް ގޮތުގައި ކައުބަތުﷲގެފުޅު ނުވަތަ މަސްޖިދުލް ޙަރަމަކީ ދުނިޔޭގައިވާ އެންމެ މާތް ބިމެވެ. އެ މިސްކިތުގައި ކުރާ ނަމާދަކީ އާންމު މިސްކިތްތަކުގައި ކުރާ އެއްލައްކަ ނަމާދުގެ ޘަވާބާއި ދަރުމަ ހިމެނޭ ނަމާދަކަށް ވާކަމީ އެބިމުގެ މާތްކަމާއި ޝަރަފް ދަލީލުކޮށްދޭ ކަމަކެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި މައްކާގެ ހަރަމް ފުޅަށް ރޭ އަޅުކަމަށް އެއްވާ މުސްލިމުންގެ ޢަދަދު ރޭ ވަނީ ވަކިން ބޮޑަށް އިތުރުވެފައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ތިރީގައިވާ ވީޑިއޯ އަކީ ރޭގެ އަޅުކަމުގެ ތެރެއިން ނަގާފައިވާ ވީޑިއޯ އެކެވެ.

ލައިލަތުލްޤަދުރިރޭ ހިމެނިގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެރޭ ޤަދަރުވެރި ރެއަކަށްވީ އެރޭ މާތްﷲ ކީރިތި ޤުރްއާންބާވާލައްވާފައި ވާތީއެވެ. ކީރިތި ޤުރުއާނުގެ ސޫރަރުން ޤަދުރީގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ.”

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޤުރްއާން ތަފާތު އެކި ދުވަސްދުވަހު އެކި ޙާދިޘާތަކާ ގުޅޭގޮތުން މަޑުމަޑުން ބާވައިލައްވަމުންގޮސް ޤުރްއާން ބާވައިލައްވައި މުޅިން ނިމުނީ 23 އަހަރުންނެވެ.
އެމަތިވެރިރޭގެ ޢަލާމާތްތަކެއް ވާކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ ކަނޑައެޅިގެން ކޮންރެއެއްކަން އަންގަވާފައި ނުވާތީ އަޅުގަނޑުމެންގެ މައްޗަށް އޮތީ އެންމެ ކުޑަމިނުން ރަމަޟާންމަގެ ފަހުދިހައިގެ ހުރިހާ ރެއެއްގައި އެރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވާފައިވާގޮތުގައި ލައިލަތުލް ޤަދުރި ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ. އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ، މިއިން ކޮންމެވެސް އެއް ރެއެކެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ސުލްޙަވެރިކަމާއި، އަމާންކަމުގެ ރެއެވެ. އެރޭގައި މާތްﷲ ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއްވެސް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. އެރޭ ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި މިއަމާންކަން އޮންނާނެއެވެ. ޤަދުރު ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ “އެއީ ފަތިސްވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close