އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފި
އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.
9 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީގެ ވާދަވެރިކަން ބޮޑުވެގެންދިޔަ މި އިންތިޚާބު ބާއްވާފައިވަނީ ރޭގައެވެ.
ފަނޑިޔާރުންގެ މަޖިލީހަށް 18 ކެނޑިޑޭޓަކު ކުރިމަތިލެއްވިއިރު މި އިންތިޚާބުގައި ވޯޓުލީ ސިއްރު ވޯޓެއްގެ ގޮތުގައެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެންމެ ގިނަ އަދަދަކަށް މެމްބަރުން ހާޒިރުވި ޤައުމީ މަޖިލިސްވެސްމެއެވެ. މި އިންތިޚާބުގައި 120 މެމްބަރުން ވޯޓުލިއެވެ.
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ތެރޭގައި އެޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަނަސް ޢަބްދުއް ޞައްޠާރު ހިމެނިވަޑައިގަންނަވައެވެ. މި އިންތިޚާބުގައި އެންމެ ގިނަ ވޯޓުވެސް ލިބިވަޑައިގަތީ އަނަސްއަށެވެ.
އިސްތިއުނާފު މަޖިލީހަށް އިންތިޚާބުވި މެންބަރުން:
- އަނަސް އަބްދުއްސައްތާރު، މއ. ބަޑިކުޅިމާލެ، މާލެ (76 ވޯޓު)
- އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ (71 ވޯޓު)
- އިބްރާހިމް މުހައްމަދު ދީދީ، ލެގޫން ވިއު، ސ. ހިތަދޫ (67 ވޯޓު)
- އަހުމަދު މައުރޫފު، ނިއު ލައިޓް، ލ. ކަލައިދޫ (67 ވޯޓު)
- ފާތިމަތު އިނާޝާ، ހ. ގްރީން ފެހި، މާލެ (66 ވޯޓު)
- ހުސައިން ރަޝީދު، ތިބުރޯޒުގެ، ތ. އޮމަދޫ (66 ވޯޓު)
- އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި (65 ވޯޓު)
- އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު (64 ވޯޓު)
- ނައުޝާދު އަބްދުލް އަޒީޒު، ސުވޭދާ މަންޒިލު، އއ. ރަސްދޫ (63 ވޯޓު)
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާއި މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ދައުރުވެސް މިހާރު ހަމަވެފައިވާއިރު، ބައެއް ކޮމިޓީތަކުގެ މެމްބަރުންގެ ދައުރުވެސް ވަނީ ހަމަވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމީ މަޖިލިސް އިންތިޚާބު ވަނީ 2 ފަހަރެއްގެ މަތީން ފަސްކޮށްފައެވެ. މި އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

