ޔާމީންގެ ކެންސަލްވި މިއަދުގެ ޝަރީއަތް ހޮނިހިރު ދުވަހަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކޮށްފައިވަނިކޮށް އެޝަރީޢަތް ކެންސަލްވުމުން ހަމަ އެޝަރީޢަތް އަންނަ ހޮނިހިރު ދުވަހަށްވެސް ތާވަލުކޮށްފި އެވެ.
ވ.އާރަށް ދިނުމުގައި ހިންގާފައިވާ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ކުރެވުނީ ރައީސް ޔާމީން އާލާސްކަންފުޅާ އުޅުއްވާތީއެވެ.
ނަމަވެސް އޭގެ ބަދަލުގައި އަޑުއެހުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10.00 މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ރައީސް ޔާމީންގެ މައްސަލައިގައި މި ހަފްތާގައި ދެ އަޑުއެހުން ވަނީ ބާއްވާފަ އެވެ. ހޮނިހިރު ދުވަހު އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުވާއިން ދިފާއުވުމަށް ރައީސް ޔާމީން ހުށައަޅުއްވާފައިވާ ހެކިންގެ ތެރެއިން އެކަކުގެ ހެކިބަސް ނެގުމެވެ. އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނަގާ ނިމުމަށްފަހު ދިފާއީ ހެކިންގެ ހެކިބަސްނަގަން ފެށީ އިއްޔެ އެވެ. އެގޮތުން ކޯޓަށް ހާޒިރުކޮށްގެން ފުރަތަމަ ހެކިބަސް ނެގީ މާލޭ ސިޓީޑެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ ހެކިބަހެވެ.
މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ޔާމިންގެ މައްޗަށް އުފުލާފައިވާއިރު އެ ރިޝްވަތު ދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ކަމަށްބުނެ އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އެ މައްސަލައިވެސް ކުރިއަށްދަނީ ރައީސް ޔާމީންގެ މައްސަލައާ އެއްކޮން ކަމަށްވާތީ ހޮނިހިރު ދުވަހުގެ އޭނާގެ މައްސަލަވެސް ކުރިއަށްދާނެ އެވެ.
