ޚަބަރު

ލަންދޫގައި ޢިމާރާތް ކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި

ސަރުކާރުގެ ޚަރަދުގައި ނ.ލަންދޫގައި ޢިމާރާތް ކުރައްވާ ޒަމާނީ ފެންވަރުގެ މިސްކިތެއްގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލި މިއަދު ލަންދުއަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ. މިނިސްޓަރުގެ އަރިހުގައި ، މަނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ހާރޫނާއި، ލަންދޫ ކައުންސިލްގެ ރައީސް ޝިނާން ޢަބުދުލް ޣަނީވެސް ބިންގާ އެޅުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަންދޫގައި މިއަދު ބިންގާ އަޅުއްވައިދެއްވި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ޑރ.ޒާހިރު ވާހަކަފުޅުދެއްކެވިއެވެ. މިނިސްޓަރ ޒާހިރު ވިދާޅުވީ ލަންދޫގައި ޢިމާރާތް ކުރާ އައު މިސްކިތަކީ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބުލް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅު ތަކުގެ ތެރެއިން ވަޢުދު ފުޅެއްކަމުގައެވެ. ރައީސްގެ ވަޢުދުފުޅުތަކަކީ ﷲ ގެ އިރާދަފުޅާއެކު ހަމަޔަޤީނުންވެސް ފުއްދަވާނޭ ވަޢުދުފުޅުތަކެއްކަން ކަށަވަރުވެ ވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ މިސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ، އިސްލާމް ދީނަށާ ޤުރުއާނަށާއި، އަދި ސުންނަތަށް ބަދުބަސްބުނެ ކުޑައިމީސް ވާހަކަ ދެއްކުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވާނެކަމަށެވެ. އަދި ހަމަ އެފަދައިން އިސްލާމްދީނުގެ ނަމުގައި އެއްވެސް މީހަކަށް ގެއްލުމެއްދީ އަނިޔާއެއް ކުރުމަށްވެސް ފުރުޞަތު ނުދެއްވާނެކަމަށެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނޯނާނެކަމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެޔަޤީންކަން ދެއްވާކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމުގައި ކަމަށްވެސް މިނިސްޓަރ ޒާހިރު މިއަދު ވިދާވިއެވެ.

ލަންދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ ކައުންސިލް އިދާރާއަށްވެސް ވަޑައިގެން ކައުންސިލްގެ މެމްބަރުނާއި، އެ އިދާރާގެ އިސްމުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޒާހިރު އުތުރުގެ އަތޮޅުތަކަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ.އަތޮޅަށެވެ. ރ.ވާދޫގައިވެސް 270 މީހުންގެ ޖާގައިގެ މިސްކިތެއްގެ ބިންގާ މިދަތުރުފުޅުގައި މިނިސްޓަރ އަޅުއްވައިދެއްވިއެވެ. އަދި ރ. އުނގޫފާރު ގައި ސަރުކާރުން އިމާރާތް ކުރައްވާ އިސްލާމީ މަރުކަޒުގެ މަސައްކްތްވެސް މިނިސްޓަރ ބައްލަވާލެއްވިއެވެ.

ލަންދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ލަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެތަންތާންގެ މުވައްޒަފުންނާއި، ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close