ޚަބަރު

ކޮވިޑްގެ ޕެންޑަމިކާއި ގުޅިގެން ތިން ދާއިރާއަކަށް އދ އިން އެހީ ދެނީ

އދ. ގެ ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑުން ތިންދާއިރާއަކަށް ރާއްޖެއަށް އެހީދޭން ނިންމައިފިއެވެ. އެގޮތުން ދޭ މި އެހީގެ ޖުމްލަ 452،500.00 އެމެރިކާ ޑޮލަރަށް އަރާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އދ އިން ވެދޭ މިއެހީއަކީ އަންހެނުންނާއި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ. އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއާއި އދ އާއި ދމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ވެދޭއެހީއެކެއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އދ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރެސިޑެންޓް ކޯޑިނޭޓަރު ކެތްރީން ހޭޒްވެލްއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެެރިކަން ހުންނަ މީހުންގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރަމުންދާ މީހުންނާއި ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުންނަށް އެހީވުމަށް ފަންޑު ލިބެ އެވެ.

މި ޕްރޮޖެކްޓުން މައިގަނޑު ތިން ދާއިރާއަކަށް އެހީ ލިބޭނެ އެވެ. އޭގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމާއި އަންހެނުން ބާރުވެރި ކުރުވުމާއި ދަރިމައިވުމުގެ ސިއްޙަތާއި ގުޅުންހުރި ކަންކަމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތައް ފަހިކުރުމާއި އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ

އަދި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެެރިކަން ހުންނަ މީހުންގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރަމުންދާ މީހުންނާއި ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުން ހިމެނޭހެން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގައި ހިމެނޭ ކަންކަން ފަހި ކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމްކުރުންވެސް މި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކޯވިޑް-19 އިން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ލިބިގެންދާއިރު ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close