ޢަލީ ވަޙީދުގެ ކުރިމަތީ ކޯޓުތައް ކުޑަކަކޫ ޖަހަން ނުވާނެ – ސްޕްރީމް ކޯޓު
ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޝަރީއަތްތައް ހިންގަން ޖެހުމުން، އޭނާގެ ކުރިމަތީ ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސްޕްރީމް ކޯޓުންވަނީ މިއަދު ސްޕްރީމް ކޯޓުގައި އޮތް އަޑުއެހުމަށް ޢަލީ ވަޙީދު ޙާޟިރު ނުވުމުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމާ ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާއެކު އެވެ.
ބޭސްފަރުވާއަށް ދިޔުމަށް ހުއްދަދީ، އަލީ ވަހީދުގެ ޕާސްޕޯޓް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކުރެއްވީ އޭނާގެ މައްޗަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޖާމިނުވުމުންނެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.
އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދައުލަތުން ދިޔަ އެވެ. ނަމަވެސް، އެ ދެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

