ނިއުމާމިސްގެ ކޮލަމް

އެސެސްމަންޓް ފޯ ލާރނިންގ

ޤައުމީ މަންހަޖުގައި ފެންވަރު ބަލައި ވަޒަންކުރަން މިވަނީ ދެގޮތަކަށެވެ. އެއީ އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިންގ (ސަމަޓިވް އެސެސްމަންޓް) އެވެ. ދަރިވަރުގެ ފެންވަރުބަލައި ވަޒަންކުރަނީ ދަރިވަރުން ޙާޞިލްކުރާ މިންވަރު ދެނެގަތުމަށާއި، މުޤައްރަރުގައި ކަނޑައަޅާފައިވާ މިންގަނޑު ދަރިވަރުންނަށް ޙާޞިލުކުރެވުނު މިންވަރު ދެނެގަތުމަށެވެ. ހަމަ އެފަދައިން ދަރިވަރުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމަށެވެ. މިގޮތުން ހޯދާ އެސެސްމަންޓް މައުލޫމާތުގެ ތެރޭގައި ދަރިވަރުގެ އިލްމީ ކުރިއެރުންތައް، ތަފާތު ހުނަރުތައް، އަދި އަޚްލާޤީ ގޮތުން ހޯދާ މައުލޫމާތުވެސް ހިމެނެއެވެ.

ދަރިވަރުންނާއިބެހޭގޮތުން މިގޮތުން އެއްކުރާ އެސެސްމަންޓްގެ މަޢުލޫމާތަކީ އުނގެނި ދަސްކުރުމުގެ ތަފާތު އެކިއެކި މަރުހަލާތަކުގައި ކިޔަވައިދިނުމަށާއި އުނގެނުން އިތުރަށް ކުރިއެރުވުމަށްޓަކައި މުދައްރިސުންނަށް ބޭނުން ކުރެވޭނެ ވަރަށް ހާއްސަ މައުލޫމާތެކެވެ. މިގޮތުން އެއްކުރާ މައުލޫމާތު ބޭނުންކޮށްގެން ސްކޫލުން ކަމާއިބެހޭ ހުރިހާ ފަރާތެއް ޝާމިލުކޮށްގެން ދަރިވަރުންނަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކައްކަތް ކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

އެސެސްމަންޓް ފޯ ލާރނިންގ އަކީ ދަރިވަރުންގެ ފެންވަރު މުދައްރިސުން ވަރަށް ގާތުންބެލުމެވެ. މިގޮތުން ކުލާހުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ދަރިވަރުގެ ފެންވަރު ބަލައި “މޮނީޓަރ” ކޮށް ލިބޭ މައުލޫމާތު އެއްކުރަންވާނެއެވެ. މުދައްރިސުން މިއެއްކުރާ މައުލޫމާތު ދިރާސާކޮށް އަބަދުވެސް ދަރިވަރުގެ ކުރިއެރުމަށް މަސައްކަތް ކުރަންވާނެއެވެ. މިގޮތަށް ވިސްނައިގެން ކަންތައްތައް ރާވައިގެން ކުރިއަށް ގެންދާނީ އެކުއްޖަކު ހުރިހިސާބު ރަގަޅަށް ދެނެ ގަނެގެންނެވެ. އަބަދުވެސް ބަލަންވާނީ ދެންޖެހިގެން ހުރި ހަރުފަތައް (ނެކްސްޓް ލާރނިންގ ސްޓެޕްއަށް) އެރުވޭތޯއެވެ.

ދެން ހުރިހަރުފަތައް އެރުމުގައި މުދައްރިސު ދަރިވަރަށްދޭ ފީޑްބެކްގެ ބޭނުންކުރާނެއެވެ. މިގޮތުން މުދައްރިސުން ފީޑްބެކްދޭންވާނީ ދަރިވަރަށް ކުރިއަށް ދާންވީ މަގު ނުވަތަ ރާސްތާ ރަގަޅަށް ކިޔައިދީފައެވެ. އޭރުން އެއަމާޒަށް ވާސިލްވާން ދަރިވަރު އަމިއްލަ އަށް މަސައްކަތްކޮށްގެން ކުރިއަށް ދާނެއެވެ. ދެވޭ ފީޑްބެކް ތަފްސީލްވާންވާނެއެވެ.

މުދައްރިސުން އަބަދުވެސް ހަދާން ބަހަށްޓަންވީ ކުލާހުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަމެވެ. ވީމާ ވަކިވަކި ދަރިވަރުންގެ ތަފާތު ދަނެގަންނަން މަސައްކަތް ކުރަންވާނެއެވެ. ތަފާތު ގިންތީގެ ދަރިވަރުންނަށްވެސް އުނގެނުން ބަށްޓަން ކޮށް އޭނަވެސް އެހެން ދަރިވަރުންނާއި އެކުގައި ޝާމިލްކޮށްގެންނެވެ. މިގޮތަށް ފިލާވަޅުތައް ރޭވުމުގައި އާއި ތައްޔާރުކުރުމުގައި ތަފާތު އަދި ގިނަ “މޮޑެލިޓީ” އަށް ވިސްނަން ވާނެއެވެ. މީގެ ތެރޭގައި އަޑުއެހުން، ވާހަކަދެއްކުން، ކިޔުން، ލިޔުން އަދި ތަޖުރިބާއާއި ޢަމަލީމަސައްކަތް ހިމަނައިގެންނެވެ.

އެސެސްމަންޓް ފޯ ލާރނިންގެ މައިގަޑު 5 ބައެއްވެއެވެ. ފިލާވަޅު ތައްޔާރުކުރާއިރު މިބައިތަށް ހިމަނަންވާނެއެވެ. ލެސަންޕްލޭންގައި ވެސް މިބައިތައް ހިމެނުން ވަރަށް މުހިންމެވެ.


• ޝެއަރިން ލާރނިންގ އިންޓެންޝަން
• ޝެއަރިން ސަކްސެސް ކްރައިޓީރިއަރ
• ތަފާތު ދަރަޖަތަކުގެ ސުވާލުކުރުން
• ފައިދާކުރާގޮތައް ދެވޭ ފީޑްބެކް
• ސެލްފް އަދި ޕިއަރ އެސެސްމަންޓް

މީގެތެރެއިން މިބަލައިލަނީ ސެލްފް އެސެސްމަންޓާއި ޕިއަރ އެސެސްމަންޓަށެވެ. މިދެބާވަތުގެ އެސެސްމަންޓަކީ ކޮންމެ ފިލާވަޅެއްގައިވެސް ހިމަނަން ޖެހޭ އެސެސްމަންޓް ފޯ ލާރނިންގ މުހިންމު ދެ ސްޓްރެޓެޖީއެކެވެ.
ނަގައިދޭ ކޮންމެ ފިލާވަޅެއްގައިވެސް މިދެބާވަތުން ކޮންމެވެސް އެއްބާވަތެއް ހިމެނުމަކީ ވަރަށް ޚާއްޞަ ކަމެއް ދީގެން ކުރަންޖެހޭ ކަމެކެވެ


ސެލްފް އެސެސްމަންޓް


ސެލްފް އެސެސްމަންޓަކީ ދަރިވަރު އަމިއްލަ އަށް ތިމާއަށް އިނގެނީ ކޯއްޗެއްކަމާއި ނޭނގެނީ ކޮންބައިތަކެއް ކަން ހޯދައިބެލުމެވެ. ނުވަތަ އޭނާ އަމިއްލައަށް ފެންވަރުބަލާ މިންގަޑުތައް ދެނެގަނެ އޭނަ ހުރިހިސާބު އަމިއްލައަށް މިންކުރުމެވެ.
މިގޮތަށް އޭނާ އަމިއްލަ ނަފްސް ހުރިހިސާބު ބެލުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މީގެތެރޭގައި މިބައިތައް ހިމެނެއެވެ.


• އަމިއްލައަށް ވިސްނާ ފިކުރުކޮށް އޭނާ އުނގެނޭ ކަންތައްތަކަށް “ރިފްލެކްޓް” ކޮށްލަން ފުރުސަތުލިބޭ
• އުނގެނުމަކީ ތިމާގެ އަމިއްލަ ޒިންމާއެއްކަން ދެނެގަނެވޭ
• ދަރިވަރުންނަށް ކަންކަމުގެ އޮންނަ ފަހި ހެޔޮގޮތްތައް އެނގި އިންސާފް ވެރިވާން ދަސްވޭ
• ޕިއަރ ޕްރެޝަރ ނެތި އަމިއްލައަށް ފެންވަރުބަލާ ވަޒަންކުރެވޭ
• އޭނާ އަމިއްލައަށް ބާރުވެރިވެ އަދި ބާރުވެރިކަން އިތުރަށް ތަރައްޤީވޭ
• އަމިއްލައަށް ކުރެވޭ ރަނގަޅުކަންތައްތަކާއި އަދި ރަނގަޅުކުރަންޖެހޭ ކަންތައްތައްވިސްނި އެނގިގެންދޭ
• އަމިއްލައަށް ފެންވަރުވަޒަންކުރިއަސް ތެދުވެރިކަން އިސްކުރަންޖެހޭކަން އެގިގެންދޭ
• އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވޭ
• އަމިއްލައަށް ކަންތައްކުރެވޭކަން އެނގި އަމިއްލައަށް ކަންކަންކުރަން އިސްނަގާ ދަރިވަރަކަށްވޭ

ޕިއަރ އެސެސްމަންޓް


ޕިއަރ އެސެސްމަންޓަކީ އެއް ދަރިވަރު އަނެއް ދަރިވަރަށް އިނގެނީ ކޯއްޗެއްކަމާއި ނޭނގެނީ ކޮން ބައިތަކެއް ކަން ހޯދައިބެލުމެވެ. މިގޮތުން ފެންވަރުބަލާ މިންގަޑުތައް ދަރިވަރުން ބޭނުންކޮށްގެން އެކަކު އަނެކަކަށް ފީޑްބެކްދެވޭނެ އެވެ. މިބާވަތުގެ އެސެސްމަންޓް ކުރިއަށް ގެންދިއުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މިސާލަކަށް ތިރީގައި މިބަޔާން ކުރާ ފައިދާތައް ވެސް ލިބިގެންދެއެވެ.


• ރުބްރިކްސް ނުވަތަ މާރކްކުރާ މިންގަޑު ވަރަށް ރަގަޅަށް އެގި ކުރިއަށް ހުރި ފިލާވަޅުތައް ހެދުމުގައި ކޮންމެ ދަރިވަރެއް ވެސް އިތުރަށް ފަރުވާތެރިވެވެއެވެ.
• ކޮންމެ ދަރިވަރެއް ވެސް އަނެއް ދަރިވަރެއްގެ މަސައްކަތާއި ބެހޭ ގޮތުން އަމިއްލައަށް ވިސްނުމުގެ ސަބަބުން އޭނާގެ އަމިއްލަ މަސައްކަތް ކުރިމަގުގައި ރަގަޅު ކުރެވިދާނެ ކަންކަން މާބޮޑަށް އެގިގެން ދެއެވެ.
• އެއް ދަރިވަރަކު އަނެއް ދަރިވަރަކާއި އެކު އެއްވެސް ބިރުވެރިކަމެއްނެތި މިނިވަންކަމާއެކު ހިޔާލު ބަދަލުކޮށްލަން ފުރުސަތު ލިބިގެން ދެއެވެ.
• އެއް ދަރިވަރަކު އަނެއް ދަރިވަރަށް ފުރިހަމައަށް އިތުބާރުކުރަން ދަސްވެއެވެ. އަދި އެހީތެރިވާން ފުރުސަތު ލިބެއެވެ.
• ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، ހާސްކަންފިލައި، އަދި އުގެނުމަށް ހުންނަ ޝައުޤު އިތުރުވެގެން ދެއެއެވެ.
• އެއް ދަރިވަރަކު އަނެއް ދަރިވަރަކާއި ގުޅިގެން އުޅެން ދަސްވެ، ބޭނުންތެރި ގޮތުގައި މުއާމަލާތް ކުރަން ދަސްވެގެން ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close