ކުޅިވަރު

މެސީގެ ބާސާވެސް ކަޓައިފި

މިހާރު ކުރިއަށްދާ ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ކުރިސްޓިއާނޯ ރޮނަލްޑޯގެ ޔުވެންޓަރސް ކަޓަފައިވަނިކޮށް ލިއޮނަލް މެސީގެ ބާސެލޯނާވެސް ކަޓައިފިއެވެ. ސްޕޭންގެ ބާސެލޯނާ މި މުބާރާތުން ކަޓާފައިވަނީ ޕީއެސްޖީ އާއި ވާދަކޮށެވެ. މިދިޔަ މަހު ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބާސާ 4-1 އިން ބަލިވެފައި ވުމުން ރޭގެ މެޗުން އެޓީމަށް މަޖުބޫރުވެފައި އޮތީ މިއަށްވުރެ ބޮޑު ތަފާތަކުން މޮޅުވުމެވެ. ނަމަވެސް ރޭގެ މެޗު 1-1 އިން އެއްވަރުވުމާއިއެކު ޕީއެސްޖީ ވަނީ 5-2 ގެ އެގްރިގޭޓުން ކުރި ހޯދާ ކުއާޓާފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މިއީ ފާއިތުވި 14 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސްލީގުގައި މީގެ ހަތަރު އަހަރު ކުރިން ބާސެލޯނާ އިން ވަނީ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. ރޭގެ މެޗަށް ބާސެލޯނާ އިން އެ އަމާޒުގައި ނުކުތް ނަމަވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސް ޕީއެސްޖީންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޕީއެސްޖީގެ ގޯލު ޖެހީ ފުރަތަމަ ލެގުގައި ބާސެލޯނާ ކޮޅަށް ހެޓްރިކެއް ހެދި ޒުވާން ތަރި ކީލިއަން އެމްބާޕޭ އެވެ. ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ގޯލެކެވެ. މިމެޗުގައި އެމްބަޕޭ ގޯލްޖެހިތާ ހަތް މިނިޓް ފަހުން އޭރިއާބޭރުން ފޮނުވާލި ބާރު ޝޮޓަކުން ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ އަށް ލަނޑު ޖަހައިދޭން މި މެޗުގައި އެންމެ ގިނަ ހުސް ފުރުސަތުތައް ލިބުނު ކުޅުންތެރިއަކީ އޮސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތެއް މެސީ ވަނީ ނަގާލައިފަ އެވެ. އެންޓޮއިން ގްރީޒްމަން އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މެސީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު މެސީ އަތުން ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީވެސް މެއެވެ. މިފަހަރުގެ މި މުބާރާތުގެ މެޗުތަކުގެ ނަތީޖާތައް ނިކުމެފައިވާ ގޮތުން މިއީ 2005 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ކުއާޓާ ފައިނަލުން މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ނުދާނެ ފުރަތަމަ ފަހަރެވެ. އަދި މި ދެކުޅުންތެރިން ކުޅެމުން އަންނަ ޓީމެއްވެސް މު މުބާރާތުގެ ކުއާޓާރ ފައިނަލުން ފެނިގެން ނުދާނެ ފުރަތަމަ ފަހަރުވެސް މެއެވެ. މަހު 19 ވަނަ ދުވަހު ގުރުއަތުލުމަށް ހަމަ ޖެހިފައިވާ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައިވާ ހަތަރު ޓީމަކީ ޕީއެސްޖީގެ އިތުރުން ލިވަޕޫލްގެ އާއި ޕޯޓޯ އާއި ބޮރޫޝިއާ ޑޯޓްމަންޑް އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close