ފްރެންޗް ލީގުގައި އެމްބާޕޭގެ ދެ ގޯލާއި އެކު ޕީއެސްޖީ އަށް މޮޅެއް
ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސެއިން އެޓިއެން އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ސެއިން އެޓިއެން އަތުން ޕީއެސްޖީ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ހަމާލަތަކެއް ޕީއެސްޖީން އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ސެއިން އެޓިއެން އިންނެވެ. ސެއިން އެޓިއެން އަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް މެޗުގެ 16 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޑެނިސް ބޮއާންގާ އެވެ. މި ލަނޑާއި އެކުވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޕީއެސްޖީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ އެހީތެރިކަމާއި އެކު އެމްބާޕޭ ވަނީ ލަނޑު ޖަހާ ޕީއެސްޖީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑުވެސް ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. ޕީއެސްޖީން މި މެޗުގައި ލީޑުފުޅާކުރި ލަނޑު ޖަހައިދިނީ މެޗުގެ 52 ވަނަ މިނިޓްގައި އެމްބާޕޭގެ އެހީތެރިކަމާއި އެކު ޑަނީލޯ ޕެރޭރާ އެވެ.
މި މޮޅާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނީސް އޮތްއިރު، އެޓީމު ދެވަނަގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 46 ޕޮއިންޓާއި އެކުގައެވެ. ތިން ވަނާގައި އޮތީ 25 މެޗުން 46 ޕޮއިންޓު ލިބިގެން މާސޭއެވެ.
