ސިފައިންދަނީ އިންސާނިއްޔަތުގެ މަތިވެރި ރޫޙުގައި މަސައްކަތްކުރަމުން – މިނިސްޓަރ މާރިޔާ
މިއަދު ނަގާފައި މިވާ ތިންވަނަ ރާޅަށްވެސް ނުސިހި، މެޑިކަލް ކޯގެ ހިތްވަރުގަދަ ސިފައިންދަނީ ސަރުކާރުން ފަށްޓަވާފައިވާ “ކޯވިޑް-19 ދިފާޢު” ވެކްސިނޭޝަން ކެމްޕޭން އޮމާންކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށާއި ވީހާވެސް އޯގާތެރިކަމާއި ކެތްތެރިކަމާއެކު، ޢުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހައި-ރިސްކު ފަރާތްތަކަށާއި ފްރަންޓްލައިނަރުންނަށް ވެކްސިން ޖަހައިދިނުމުގައި ސިފައިންދަނީ އިންސާނިއްޔަތުގެ މަތިވެރި ރޫޙުގައި މަސައްކަތްކުރަމުން ކަމުގައި މިނިސްޓަރއޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ ހަފްތާ މަޖައްލާ އައްޑަނައަށް “ސިފައިންގެ މެޑިކަލް ކޯއަށް ތަޢުރީފް” މިމަޢުޟޫއަށް އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައެވެ.
އެލިޔުއްވުމުގައި އެކަމަނާ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިޢުލާންކުރެއްވިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، ޞިއްޙީ ޚިދުމަތްދިނުމުގައި ސިފައިން ފޯރުކޮށްދެމުންދާ އެހީތެރިކަން އަޅުގަނޑުމެން ރައްޔިތުން ފާހަގަކުރަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައި ކަމުގައެވެ.
އަދި ކޯވިޑް-19 ރާއްޖެއިން ފެނުމާއެކު، 13 މާރޗް 2020 ގައި ސެނަހިޔާ ހޮސްޕިޓަލްގައި ސިފައިންގެ އަމިއްލަ އިސްނެގުމާއެކު ފްލޫ ކްލިނިކެއް ޤާއިމްކުރެއްވި ހިސާބުން ފެށިގެން، ކޯވިޑް-19 އާ ދެކޮޅަށް “ފަރސްޓް ރެސްޕޮންޑަރސް”ގެ ގޮތުގައި، އެމްއެންޑީއެފް މެޑިކަލް ކޯގެ ހިތްވަރުގަދަ ސިފައިންދަނީ ޙަރަކާތްތެރިވަމުންކަމަށާއި، 24 ގަޑިއިރު މަސައްކަތްކުރާ ހަމައެކަނި ކްލިނިކުގެ ގޮތުގައި އެންމެ ފުރަތަމަ ހުޅުވި ފްލޫ ކްލިނިކުންދަނީ، ދިވެހި ރައްޔިތުންނާއި ބިދޭސީން ހިމެނޭހެން، ވޯކްއިން ކޮންސަލްޓޭޝަންތައް ދިނުމާއި، ކްލިނިކުގަޔާއި މޯބައިލް ސައިޓްތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ކަމުގައި އެކަމަނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މޯބައިލް މެޑިކަލް ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމާއި، ބިދޭސީންނަށް ޚާއްޞަކޮށް މެޑިކަލް ކޭމްޕުތައް ހިންގުމާއި، ޑިސްއިންފެކްޝަން ޓީމްތައް ޓްރެއިންކޮށްދީ، ޑިސްއިންފެކްޝަންގެ މަސައްކަތް ކުރުމާއި، ކޯވިޑާ ދެކޮޅަށް ބޭނުންހިފިދާނެ ތަފާތު އާލާތްތައް އީޖާދުކުރުމާއި، ޕީ.ޕީ.އާ ގުޅޭ ތަމްރީނުތައް ހިންގުމާއި، ސެނަހިޔާ ލެބޯޓަރީގެ ޚިދުމަތްތައް ތަރައްޤީކުރުން ފަދަ މުހިންމު މަސައްކަތްތައް މެޑިކަލް ކޯގެ ސިފައިންވަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައި ކަމުގައިވެސް މިނިސްޓަރ މާރިޔާގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.
މިފުރުޞަތުގައި، އެމް.އެން.ޑީ.އެފްގެ ސަރޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދަށާއި، މެޑިކަލް ކޯގެ ހީވާގި އެންމެހާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި އެހީތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގަޔާއި، ސިފައިންގެ ލީޑަރޝިޕްގެ ނަމުގަޔާއި، ދިވެހި ރައްޔިތުންނާއި އެކަމަނާގެ އަމިއްލަ ނަން ފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.
ލިޔުއްވުން ނިންމަވާލައްވާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުންއެދި ދުޢާކުރައްވަމުންނެވެ.



