އައްޑޫގައި އިޢުލާންކޮށްފައިވާ ކާފިއު އެންމެ އަވަށަކުން ފިޔަވައި އުވާލައިފި
އައްޑޫގައި އިޢުލާންކޮށްފައިވާ ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް ހުޅުމީދޫ ފިޔަވައި އެހެން އަވަށްތަކުގައި އުވާލަން ނިންމައިފިއެވެ.
ރޭ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ފިޔަވަޅުތައް އުވާލަން ނިންމާފައިވަނީ ރޭ 12 އިން ފެށިގެން ކަމަށެވެ.
ސޯދިގު ވިދާޅުވީ ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފައިވަނީ ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ނަތީޖާތަކަށް ވެސް ބެލުމަށްފަހު ކަމަށެވެ. އަދި ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސޯބެ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ސޯބެ ފާހަގަކުރެއްވިއެވެ.
ހުޅުމީދޫގެ ފިޔަވަޅުތައް އުވާލަން ނިންމާފައި ނުވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލް ޕޮޒިޓިވްވެ، އެ ދެ މީހުންނާއި ކޮންޓެކްޓުވި އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އައްޑޫގައި މިވަގުތު 32 އެކްޓިވް ކޭސް އުޅޭއިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކަކަށް އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.
ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނައީ މި މަހުގެ ހަވަނަ ދުވަހުއެވެ.


