130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހީމް ކޯޓުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ތުޙުމަތުކުރެވޭ ޝަހީބް އިބްރާހީމް ދޫކޮށްލާފައިވަނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުންނެވެ. ޝަހީބް ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަޙްޤީޤަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރި 2 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެއީ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމެވެ.
މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި މި މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވަނީ ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދޯނިން ފެނުނު މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިންއާއި، ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
