ޕްލާސްޓިކް ހިމެނޭ 9 ބާވަތެއް އަންނަ އަހަރުގެ ޖޫންގެފަހުން ރާއްޖެ އެތެރެ ނުކުރެވޭނެ
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން 9 ބާވަތެއް އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުމަކީ މަނާކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން 9 ބާވަތެއް އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކޮށްފައި މިވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރުގެ ޤާނޫނުގެ ދަށުންނެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އަސަރު ކޮށްފައިވާތީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅުއްވައި، މި ތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅުއްވާފައެވެ.
މީގެތެރޭގައި ޕްލާސްޓިކްގެ 12 ބާވަތެއް ހިމެނެއެވެ. މިތަކެތީގެ ތެރެއިން އަންނަ އަހަރުން ފެށިގެން 9 ބާވަތެއް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
އަންނަ އަހަރުގެ ޖޫންމަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:
ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު
ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި ހިމެނެއެވެ. މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރާ ބާވަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅިއެވެ.
އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 5 ވަނަ ދުވަހުގައެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ “ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން”އެއް އެކުލަވާލާފައެވެ.
މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)ގެ “ޖަޒީރާ ދިރިއުޅުން” ބައިގެ “ކުންޏަކީ ވަޞީލަތަކަށް ހެދުން،” މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައްވެސް އެކަށައަޅާފައިވެއެވެ.

