އޯވަރނައިޓް
ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު (ގުރޭޑް 6)
އުޑުމަތީގައި އެންމެ ވިލާރޮއްޖެއްވެސް ނެތެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނުވެއެވެ. އުޑުމަތި ހީވަނީ ކުރޮޅިތަޅާލި ނާއްޓެއް ހެނެވެ. އެހާވެސް ރީތިވެފައި ސާފެވެ. ވަރަށް ހިތްގައިމު ދުވަހެކެވެ.
ހުސޭނާއި އޭނާގެ އާއިލާ އެންމެން ވެސް މިހާރުތިބީ އަހަރުގެ ބޮޑު ޗުއްޓީއަށް މާމަމެން ރަށަށް އައިހެވެ. ޗުއްޓީ ހޭދަކޮށްލާނެ ގޮތްވަނީ މާކުރިން ރާވައި ނިންމާފައެވެ. އެރަށަށް އައުމުގެ އެތައް ދުވަހެއް ކުރިންވަނީ ކުރާނެ ކަންތައްތަކާއި، ޕިކްނިކް ދާނެ ރަށްތަކާއި، ދުވަސްތައް ކަނޑައަޅާ ނިންމާފައެވެ.
އޭގެތެރޭންވެސް އެންމެ ބޮޑު ކަމަކަށް ރާވާފައި އޮތީ އޯވާރނައިޓަކަށް ފަޅުރަށަކަށް ދިއުމެވެ. އެއީ އަދި މުޅި ޙަޔާތުގައި ހުސޭނު ދުވަހަކުވެސް ތަޖްރިބާކޮށްފައިވާ ކަމެއް ނޫނެވެ. މީގެ ކުރިން އެކިއެކި ދުވަސްތަކުގައި ބައެއް ރަށްތަކަށް ޕިކްނިކް ދިޔަނަމަވެސް ފަޅުރަކަށް އޯވަރނައިޓަކަށް ދާ މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިކަމަކީ ވަރަށް ހިތްގައިމު މަޖާވާނެ ކަމެއްކަމަށް ހުސޭނު އުންމީދުކުރިއެވެ. އަދި އެކަމަށް ތައްޔާރުވެސްވީ ވަރަށްބޮޑަށެވެ.
މިއަދަކީ ޗުއްޓީއަށް އައިސް އެރަށުގައި ހުސޭނު ހޭދަކުރާ ފުރަތަމަ ދުވަހެވެ. ހުސޭނު އާއި އޭނާގެ ދޮންބެ އާއި ދެމީހުން ސައިކަލު ބުރެއް ޖަހާލަން ރަށުތެރެއަށް ނުކުތެވެ. މީގެ އެއްއަހަރު ކުރިއާ އަޅާބަލާއިރު މިވަނީ ބޮޑެތި ބަދަލުތަކެއް ރަށަށް އައިސްފައެވެ. ކުރިން އަތިރިމަތީގައި ފަނުން ހަދާފައި ހުރި ވައްގެވެސް މިހާރު އެވަނީ ރާނާފައެވެ. ސިމެންތި ޓިނު ޖަހާފައެވެ. ޓައިލްސް ޖަހާރީތި ކޮށްލާފައެވެ. އަދި އެއަށްވުރެ މާބޮޑު ބަދަލެއް އައިސްފައިވަނީ ބަނދަރަށެވެ. މިހާރު މިއޮތީ ވާޓަރު ލައިފައި ބަނދަރުވެސް ހަދާފައެވެ. ދޯނިތައް ވާޓަރުގައި ބަނދެލައިފައި ހުރިއިރު މާލޭ ފަޅެކޭ މިރަށު ފަޅެކޭ މާބޮޑު ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ އުޅަނދު ފަހަރު މަދުކަމެވެ. މިރަށުގައި މަހައްދާ ދެތިން އޮޑި އޮތެއްކަމަކު މާލޭގައި ބައިވަރު ލާންޗް ފަހަރާއި، ބޯޓްފަހަރުވެސް އޮވެއެވެ.
ސައިކަލުބުރު ނިންމާލުމަށްފަހު ދޮންބެއާއި އެކު ހުސޭނު ގެއަށް އައިއިރު މަންމައާއި ބައްޕައާއި އަދި ގޭގެއެންމެވެސް ޕިކްނިކް ދަތުރަށް ތައްޔާރުވަނީއެވެ. ހީވަނި އެހެންރަށަކަށް މަހެއްހައި ދުވަހަށް ދިރިއުޅުން ބަދަލުވަނީހެނެވެ. އެހާވެސް ގިނަ ސާމާނުވަނީ އެއްކޮށްފައެވެ. މަސްދަޅު ކޭސްތަކާއި ނޫޑްލްސް ކޭސްތަކާއި ޖޫހާއި ސޮފްޓް ޑްރިންކްސްތަކާއި އަދި އެކިބާވަތްތަކުގެ ބިސްކޯދާއި ޗޮކްލެޓްވެސް ގަނެފައި ހުއްޓެވެ.
ހުސޭނު ހުރި ވަރަށް އުފަލުންނެވެ. ހުސޭނަށް އަދިވެސް ރަނގަޅަށް ފަތަން ދަސްނުވާތީ މޫދުގައި އުޅޭއިރު އަޅާނެ ރިންގެއްވެސް ވަނީ މާލެއިން ގަނެގެން އެދަތުރު ގެނެސްފައެވެ. އޭތިވެސް އޮތީ ހުސޭނުގެ މަންމަ ހޯދައިގެން އެއަށް ވައިވެސް ޖަހާ ތައްޔާރުކޮށްފައެވެ. އޯވަރނައިޓް ޕިކްނިކް ދަތުރަށް މިހާރު ތައްޔާރުނުވާ ހަމައެއްވެސް ކަމެއް ނެތެވެ.
އެއިވުނީ އަޞުރު ބަންގިގޮވާއަޑެވެ. މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން ހުސޭނު ގެއަށް އައިރު އެންމެންވެސް ތިބީ ބަނދަރަށް ދާން ތައްޔާރުވެފައެވެ. “ދަރިފުޅާ ހުސޭނު. ޕިކްނިކް ދަންޏާ އަވަށް އާދޭ . މިހާރު ހުރިހާއެންމެން ރެޑީވެގެން ބަނދަރަށް އެ ދަނީ. އަވަސްކުރޭ”. މަންމަ ދަބަސް ކޮނޑުގައި އަޅުވަމުން ބުންޏެވެ.
ހުސޭނުވެސް އަވަސް އަވަސްކޮށްލައިގެން ބަނދަރަށްދާން ހިނގައިގަތެވެ. އޭރުވެސް އުޑުމަތި ރީއްޗެވެ. އެހެނަސް މިހާރުވަނީ އަވިނިވާ ލައިފައެވެ. މަޑުމަޑު ވައިރޯޅިއެއް ޖެހުނަސް ކަނޑު ވަރަށް މަޑެވެ. ދަތުރުފަށައިފިއެވެ. ކައިރީގައި ޖެހިގެން އޮތް ފަޅުރަށް “ވެލިފުށްޓަށް” ދިއުމަށް މިސްރާބު ޖެހީ އެދުވަހު ހަވީރު 4:30 ހާ އިރުއެވެ. ދަތުރުމަތީގައި ވަރަށް ސަކަރާތް ޖެހިއެވެ. ލަވަބާޒީ ކުޅުނެވެ. އެކަކު އަނެއްކަކަށް ފެންޖަހާ މަޖާކުރިއެވެ. ހުސޭނު ހުރީ ދޮށްޓާ، މާސްކާ އެއްޗިހި ހިފައިގެން ވަރަށް މަޖާވެފައެވެ. ހީވަނީ ރަށަށް ހަމަ ދެވޭތަނުން މޫދަށް ފައިބާ މަސްބާނަން ފަށާނެހެންނެވެ.
މާގިނައިރުތަކެއްނުވެ އާއިލާ އެންމެންނާއެކު ކާފަގެ މަސްއޮޑީގައި ދަތުރުކޮށް “ވެލިފުށްޓަށް” ދެވިއްޖެއެވެ. އޭރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު ހުސޭނުގެ ކާފަ ކިޔައިދެއްވި ވާހަކައެއްގެ މައިން ހުސޭނަށް ހަނދާންވެއްޖެއެވެ. އެއީ ވެލިފުށްޓަށް ދަތުރު ދިޔަބަކަށް ދިމާވި ބިރުވެރި ހާދިސާއެއްގެ ވާހަކައެކެވެ. މާކުރީގައި ކާފަ ކިޔައިދިން ވާހަކައެއް މިއަދު ހަނދާނަށް އައީ ކީއްވެގެންބާއެވެ. ހުސޭނު ކުޑަކޮށް ބިރުގަންނަން ފަށައިފިއެވެ. އެކަމަކު އެކަމެއް އެހެން މީހަކަށް ނާންގައެވެ.
ކޮންމެޔަކަސް ރަށަށް ލެފުމާއެކު މީހުންތައް ފަޅުރަށަށް ބާލާފައި ދޯނި އެނބުރި ރަށަށް ހިނގައްޖެއެވެ. އެއީ އޯވަރނައިޓު ދަތުރު ނިންމާފައި ރަށަށްދާން ހަމަޖެހިފައި އޮތީ އަނެއްދުވަހު ކަމަށްވާތީއެވެ.
އިރުއޮއްސެން ކައިރިވެފައި ހުރުމުން އެއްބަޔަކު އަވަސްވެގަތީ އެރޭ އެރަށުގައި ނިދާނެ ޓެންޓެއް އެޅުމުގެ މަސައްކަތުގައެވެ. ވަރަށް ބޮޑު ސަތަރި ގަނޑަކުން އެންމެންނަށް ވަދެތިބޭވަރުގެ ބޮޑު ޓެންޓެއް އިސާހިތަކު ހަދާލައިފިއެވެ. ރާޅުޖަހާ ހިސާބު ދޮންވެލިގަނޑަށް ވުރެތަންކޮޅެއް އެއްގަމުގައި ޓެންޓްޖެހީ ރޭގަނޑު ދަންދިޔަ ބޮޑުވާ ގަޑީގައި ފަހަރެއްގައި ރާޅުއަރާފާނެތީކަމަށް ހުސޭނުގެ ބޭބެމެން ބުންޏެވެ. ޓެންޓްގެ އެތެރޭގައި ދޮންވެލިލައި ، މަގޫފަތް އަޅާ އޭގެ މަތީގައި ބެޑްޝީޓްތައް ފަތުރާލުމުން ހީވަނީ ހަމަ ރަށުގައިވެސް ނިދާކޮޓަރިހެންނެވެ. އެއަށްވުރެވެސް ހިތްގައިމު ކަމަށް ހުސޭނު ބުނެއެވެ.
ހުސޭނުގެ މަންމައާއި ބައްޕައާއި އަދި ދައްތަމެނާއި ކޮއްކޮމެން އެރޭ ޓެންޓްގައި ނިދަން ބައިތިއްބާފައި ހުސޭނުމެން ދިޔައީ ބޭބެމެންނާއެކު މަސްބާނާށެވެ. ވަރަށް ހަނދުވަރުތޫނު އުޑުމަތި ރީތި ރެއެކެވެ. މޫދުފެންނަނީ ވިދަވިދާ އޮންނަ ރިހިފަތްގަނޑެއް ހެންނެވެ. ހުސޭނުގެ ބައްޕަ ފިޔަވައި ދަތުރު އައި ހުރިހާ ފިރިހެނުން އެރޭ މަސްބާނަން ދިޔައީ ދަންކޮށްލައިފައި މަސްފިހެގެން ކައިގެން ނޫނީ ނުނިދާން ނިޔަތްގަނެގެންނެވެ. ކުދިކުދި ގިނިމަހާއި ދޮންރީދޫ މަހާއި، ކަޅިހި ބެވެން ފަށައިފިއެވެ. ހުސޭނުވެސް ހުރީ ދޮށި އެއްލާށެވެ. އެކަމަކު އެހެން މީހުންނާ ހިސާބަކަށް ބޭރަކަށް ނުދެއެވެ. ހުސޭނު ހުރީ ތަންކޮޅެއް ރާޅުފެންފަށުގައެވެ.
މީހަކު ފަހަތުން ބަލިފާޑަކަށް ކުކުރާ ހެން ހުސޭނަށްހީވެގެން ފަހަތް ބަލައިލައިފިއެވެ. ކަމަކު ދާކަށް ނެތެވެ. ހުސޭނުގެ ފައިދޮށުގައި މޫދުއަޑިގައި މިއޮތީ ބޮޑު މީހަކެވެ. އޮތީ ބަންޑުންނެވެ. މޫނު ނުފެންނާތީ އެއީ ކާކު ކަމެއް ނޭނގުނެވެ. ހުސޭނު ވަރަށް ބާރަށް ހަޅޭލައްވައިގަތެވެ. މަންމާއޭ ބައްޕާއޭ ކިޔާ ހަޅޭލައްވަން ފެށިއަޑަށް ހުސޭނުގެ މަންމަ ކޮޓަރިއަށް ވަނެވެ.
ހުސޭނު ނިދާފައި އޮވެގެން ހަޅޭލައްވާތީ މަންމަ ހުސޭނަށް ގޮވަން ފެށިއެވެ. “ދަރިފުޅާ! ހޭލަބަލަ ކީކޭތަ ތިޔަގޮވަނީ؟” ހުސޭނަށް ހޭލެވިއްޖެއެވެ. ދަތުރު ދާހިތް އޮތްލެއް ބޮޑުކަމުން މިއީ އެރޭ ނިދީގައި ހުސޭނަށް ފެނުނު ހުވަފެނެއްކަން އެނގުނީ ހޭލެވުނީމައެވެ.

Salhi ingeyyy
Salhiingeyyy