ކޮވިޑް-19 އަށް އިތުރު 62 މީހަކު ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން ކޮވިޑް-19އަށް އިތުރު 62 މީހަކު ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.
ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 62 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 51 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 11 މީހެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 62 މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 18 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9052 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 209 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7055 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1960 އަށް އަރާފައިވާއިރު، 908 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.



