ޚަބަރު

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަކަމަށް އެޗްޕީއޭ އިން ބުނެފި

ރާއްޖެއަށް ނިޕާ ވައިރަހުގެ ނުރައްކާ މިވަގުތު ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ފާހަގަކުރައްވާފައިވަނީ މިހާލަތު ގާތުން މޮނީޓާކުރަމުން އަންނައިރު، ރާއްޖެއިން މި ބައްޔާގުޅޭ އެއްވެސް ކޭސްއެއް ނުވަތަ އެއްވެސް ކޮންޓެކްޓެއް މިހާތަނަށް ރިޕޯޓުކުރެވިފައި ނުވާކަމަށެވެ.

އެޗްޕީއޭ އިން ހާމަކުރެއްވި ގޮތުގައި، މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި އިންޑިއާގެ ވެސްޓު ބެންގޯލް ސަރަޙައްދުން ނިޕާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ތިން މީހަކު ފެނިފައިވެއެވެ. މި މީހުންނާ ކޮންޓެކްޓުވި 180 އަށްވުރެ ގިނަ ފަރާތްތައް މިހާރު ވަނީ ދެނެގަނެ، ކަރަންޓީނުކުރެވިފައެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މި ކަރަންޓީނުކުރެވިފައިވާ ފަރާތްތަކުގެ ހާލަތު ގާތުން ބަލަމުން އަންނައިރު، މި ކޭސްތަކާ ގުޅިގެން އިތުރު ބަލި ޖެހުނު މީހަކު ފެނިފައި ނުވާކަމަށާއި، އިންޑިއާގެ އެހެން ސަރަޙައްދަކުން ނުވަތަ އެހެން ޤައުމަކުން މި ބަލި ފެނިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކަމާގުޅޭ އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ. އެހެންކަމުން، މި ބަލި ފެނިފައިވާ ވެސްޓު ބެންގޯލް ސަރަޙައްދަށް ދަތުރުކުރާ ފަރާތްތަކުން އާންމު ޞިއްޙަތުގެ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުން (fruit bat) އަދި އޫރުން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާ އަދި ތަރުކާރީފަދަ ތަކެތި ބޭނުންކުރުމުން އިންސާނުންނަށް މި ބަލި ފެތުރެއެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

މި ބަލި ޖެހޭ މީހުންގެ ފަރާތުން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން ނުވަތަ ފިޓުޖެހުން ފަދަ ނުރައްކާތެރި ހާލަތްތައް ކުރިމަތިވެދާނެއެވެ. ނަމަވެސް، ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނިވެސް މި ބަލި ޖެހިފައި ހުރެދާނެއެވެ. މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނެތްނަމަވެސް، ބަލީގެ އަލާމާތްތަކަށް ފަރުވާ ދެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close