ވާހަކަ

ހަތް ބަބުރު ގަނބައިގެން ތަން ( ކުރުވާހަކަ )

ފަތިހުގެ ވަގުތެވެ. ކާޅާއި ހާލުގެ ގޮވެލީގެ އަޑަށް ނާކިޔާއަށް ހޭލެވުނެވެ. ފަތިހުގެ ހިމޭން ވަޔާއި ތަޒާކަން މުޅި ޓެންޒޭނިޔާގައި ހުއްޓެވެ. ކުރިން  އަވަށު ތެރޭގައި ނުވާ ހަލަބޮލި ކަމެއް މިއަދު  އެބަ ހުއްޓެވެ. މުދާތައް ހިފައިގެން ކޮޅުކޮޅު މައްޗަށް މީހުން ހިނގާތަން ނާކިޔާއަށް އެބަ ފެނެއެވެ. ވިޔަފާރި މުދާތަކާއި ހިފާ ގެންގުޅޭ ތަކެއްޗެވެ. މާ ގިނަ އިރު ތަކެއް ނުވަނިސް ނާކިޔާގެ ބައްޕަ އޭނަގެ އަންނައުނުވެސް ނަވާއި ދިމާލަށް ގެންދަން ފެށިއެވެ. ވިޔަފާރި ޤާފިލާއާއެކު އޭނާވެސް ހިންދުކަރައަށް ދާން ޖެހޭކަން ރެއަކާލެވުނީ އަދި ކިރިޔާއެވެ. 

 އޭނާއަށް ނަވާ ހަމައަށް ދެވުމީ ހަމަ ވަޤުތަށެވެ. ނަވުގައި އިޝީނދުނު ވަގުތާއި ނައު ޓެންޒޭނިޔާ ދޫކޮށް ފުރި ވަގުތާއި އައީ އެކީ އެކައްޗަކަށެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ނަވުގެ ދުވެލި މެކުހަށް ހިއްލާލީ ދާދި އަވަހަށެވެ. ހިންދުކަރަ ލޮލުގެ ކުރިއަށް ފެނުމަކީ ވެސް މަހެއްހާ ދުވަސް ދުރުގައި އޮތް ކަމެކެވެ. ވުމާއިއެކު ނާކިޔާ ބޭނުންވީ ނަވުގައި ހޭދަކުރާ ކޮންމެ ފަޅި ސިކުންތަކީވެސް މަޖާ އަދި ބޭނުންހުރި ވަގުތު ކޮލަކަށް ހެދުމެވެ.

ހަފްތާއެއްގެ ކަނޑު ދަތުރަށް ފަހު ކަންތައްތައް މުޅިން ބަދަލުވިއެވެ.ކުއްލިއަކަށް ހެދި ކޮޅިގަނޑާއެކީ ނަވުގެ މިސްރާބު މުޅިން ބަދަލުވިއެވެ.ދެވޭނުދެވޭ ދިމާލެއް ނޭނގި ކެޔޮޅުބެގެ ހިތުގައި އުދާހުގެ ތޫފާނެއް އުފައްދައިފިއެވެ.

ގުޅުންހުރި ލިޔުންތައް

 މާގިނަ އިރު ނުވަނީސް ރަށެއްގެ މަލަމަތި ފެންނަހެން ނާކިޔާއަށް ހީވިއެވެ. އަޑުން އަޑު ނަގާ އެވާހަކަ ގޮވާލެވުނެވެ. ކެޔޮޅުބެޔާއި އެހެން ފަޅުވެރިންގެ ސަމާލުކަމަށް އެކަން ގެނައެވެ. ލޯމަރާލައިފާ ލޯހުޅުވަން ވާއިރަށް ކެޔޮޅުބެ ގޮސް އެރަށު ފަސް ގަނޑުގައި ނަވު ބީއްސާލިއެވެ. ފުރަތަމަވެސް ލިބުނީ ހައިރާންކަމެކެވެ. އެހާ ސާފު މޫދެއް ނާކިޔާ އޭނަގެ އުމުރުގެ 19 އަހަރު ދުވަހުގެ ތެރޭގައި ދެކެފައި ނުވެއެވެ. ގޮނޑުދޮށުގެ ވެލިގަނޑު ސާފު ބޯކިރު ފޮދެއްހާ ހުދެވެ. ރަށުތެރެއަށް އަރައިގެން ދިޔައިރު އެރަށުގެ މީހުންގެ މުރާލި ކަމާއި ދީންވެރިކަން ފެނުނެވެ.ބަލާލި ކޮންމެ ދިމައަކުން ވައްގެތަކާއި، މައިޒާންތައް ފެންނަން ހުއްޓެވެ. އަތިރިމަތީގައި ބޮޑު މިސްކިތެއްވެސް ހުއްޓެވެ. އެކުވެރިކަންވެސް އިންތިހާއެވެ.

ރަށުގެ އުތުރުފަރާތަށް ދިޔަދިޔަހެން ފަހަތުން އަންނަ މީހުން ގިނަވާހެން ނާކިޔާއަށް ހީވިއެވެ.އެމީހުން ހަނާ އަޅާތީވެ ނާކިޔާއަށް ފެނެއެވެ. އެތަނުން މީހަކު “ބަބުރު” ޒާތުގެ ނަމަކުން ނާކިޔާއަށާއި އޭނާއާއިއެކު ތިބި 6 މީހުނަށް ނިސްބަތް ކޮށް ގޮވި އަޑު އޭނާއަށް އިވުނެވެ. އެމީހުންގެ ހަރަކާތް ހުރި ގޮތުން ތިދިމާއަށް ނުދިއުމަށް އިޝާރާތް ކުރާހެންވެސް ހީވިއެވެ. އެކަން ކެޔޮޅުބޭގެ ސަމާލުކަމަށް ގެނައުމުން  ފޭލިގެ ޖަހަން ތަނެއް ހޯދަން ޖެހޭނެ ކަމަށް އޭނަ ބުންޏެވެ.

އިރުކޮޅަކުން ފެނުނީ ޤާފިލާގެ އެންމެ ކުރިއަށް ހުރި މީހާ ފަސް ގަނޑަށް ގަނބައިގެން ތަނެވެ. އޭނާ ސަލާމަތް ކުރުމަށް ކެޔޮޅުބެ އަވަސް ވެގަތެވެ. ނަމަވެސް ކެޔޮޅުބެ ވެސް އޭނަ އާއެކު ގަނބައިގަތެވެ.މިގޮތަށް ފަހަރަކު މީހަކު ގަނބަމުން ގަނބަމުން ގޮސް އެންމެ ފަހުން ނާކިޔާވެސް ގަނބައިގަތީއެވެ.

މިފަސްގަނޑަކީ ނ.ލަންދޫ 7 ބަބުރު ގަނބައިގެން ތަނެވެ. ނަމަވެސް މިހާރު މިތަނުން ބައެއް ވަނީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ ތެރޭގައި ފޮރުވައިލެވިފައެވެ.

މިތަނަކީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކަ ތަކެއްގެ މައްޗަށް ނަން ދެވިފައިވާ ތަނެކެވެ. މިވާހަކަތަކުގެ އަސްލާއި މެދު އަޅުގަނޑަށް ޝައްކެވެ.

ނިމުނީ

ނޯޓު: މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލީ ވާހަކައެކެވެ. ވާހަކައިގާ ބަޔާންކުރެވިފައިވާ ތަނަށް އެނަންދެވުމަކީ ޙަޤީޤަތެއްކަމަކަށް ނުދެކެމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close