ޚަބަރު

ރިޔާޒު މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދިއްޖެ

މާލެ ލޮކްޑާއުން ކޮށްފައިވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގެންނެވި ސަބަބާއި ހުއްދަ ލިބުނު ގޮތް ހޯދުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފިއެވެ.

ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު 25 އޭޕްރީލް 2020 ދުވަހުގެ ވަގުތެއްގައި ކޮށްފައިވާ ޓުވީޓެއްގައި ވަނީ “މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގަ ރަށުން ފުރައިގެން އިރުމެދު ނުޖެހެނީސް މާލެ އާދެވިއްޖެ. ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވަން.” މިފަދައިން ކަމަށެވެ. އަދި މި ޓުވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ނަފުރަތު އުފެދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 3 މެންބަރަކު މިވަގުތުވެސް އެބޭފުޅުންގެ ދާއިރާގައި ތިބި ކަމަށާއި، އެ މެންބަރުން ވެސް މާލެ އައުމަށް މަސައްކަތްކޮށް ނާދެވުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މެންބަރު ރިޔާޒު މާލެ ލޮކްޑައުން ކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަ ދެވިފައިވޭތޯއާއި ހުއްދަ ދެވިފައިވާނަމަ، ހުއްދަ ދެވިފައިވަނީ “ކޮންމެހެން މާލެ އަންނަންޖެހޭ” ކޮން ސަބަބެއް ދިމާވެގެންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއިން ބައްލަވައި ދެއްވައި މިކަން ސާފުކޮށްދެއްވުން އެދިފައިވެއެވެ. އަދި މިކަމަކީ މެންބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސިރާޖު ފޮނުއްވި ސިޓީގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close