ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މައްސަކަތުގައި ދީނީ ޢިލްމުވެރިންގެ އެއްބާރުލުން ލިބޭ – މިނިސްޓަރ މާރިޔާ
ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރައްވާ މައްސަކަތުގައި ދީނީ ޢިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށްބޮޑަށް ލިބިވަޑައިގަންނަވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދީނީ ޢިލްމުވެރިންވެސް ތިއްބެވީ ސަރުކާރާއެކުކަމަށާ، ހަރުކަށިފިކުރާއި އެފިކުރުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވަމުންދާ ނިކަމެތިކަން ހުއްޓުވުމަށް ޢިލްމުވެރިންވެސް ސަރުކާރާ ގުޅިގެން މަސައްކަތްޕުޅުކުރައްވާކަމަށެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ވަރަށް ކާމިޔާބުކަމަށާ، އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިމައްސަލާގައި ސަރުކާރުން އެންމެބޮޑަށް ބޭނުންވީ ސަރުކާރުގެ ވިސްނުމަކީ ކޮބައިކަން ރައްޔިތުންނަށް އެންގުންކަމަށާއި، އަދި މިމައްސަލައިގެ ބޮޑުކަމާއި މީގެ ނުރައްކާތެރިކަން އަދި ހަރުކަށި ފިކުރުން ސަލާމަތްވުމަކީ ޤައުމުގެ އިސްތިޤުލާލާއި ހަމަޖެހުމަށް ކިހާ މުހިންމުކަމެއްކަން ސަރުކާރުން ރައްޔިތުންނަށް ހާމަކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކަށްވީ ރައްޔިތުން ނުކުމެ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރުގެ އަތުގައި ހިފުންކަމަށާ، ރައްޔިތުންގެ އެއްބާލުން ވަރަށްބޮޑަށް ލިބެމުންދާކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ގެއްލި އަންހެނުންނާއި ކުޑަކުދިންނަށް ނިކަމެތިކަން ލިބޭގޮތަށް ރާއްޖޭގައި ކަންކަން ވެގެންދާތަން ބަލަން ތިބެން ރައްޔިތުން ބޭނުން ނުވާކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ހަރުކަށިފިކުރުގެ މީހުންގެ ނުރައްކާތެރިކަން އެއްވެސް މިންވަރަކަށް ފާހަގަވާ ކަމެއް އެނގޭނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަތަކާ ޙިއްސާކުރުމަށް މިނިސްޓަރ މާރިޔާ ވަނީ ޢާއްމު ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
