ކޮވިޑް ސާމްޕަލް ނެގި މީހުންގެ އަތުން ކުޑަކުއްޖެއްގެ ނޭފަތް ކަފައިގެން ދިޔަ މައްސަލައެއް!
ސޯޝަލް ސެންޓަރުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމަޕަލް ނެގި މީހުންގެ ފަރާތުން ކުޑަކުއްޖެއްގެ ނޭފަތް ކަފައިގެން ދިޔަ މައްސަލައެއް ފެންމަތިވެއްޖެކަމަށް ބައެއް ނޫސްތަކުން ޚަބަރުފަތުރަމުން އެބަދެ އެވެ.
މި މައްސަލަ މީސްމީޑިއާގައި ފެންމަތިކޮށްފައިވަނީ އަނިޔާ ލިބުނު ކުޑަކުއްޖާގެ މަންމަ އެވެ. އެގޮތުން މި ވާހަކަ ހިއްސާކޮށް އޭނަގެ އަމިއްލަ ފޭސްބުކް އަކައުންޓުގައި ޖެހި ޕޯސްޓަކަށް ގިނަ ބައެއް ސަމާލުކަން އަންނަނީ ލިބެމުންނެވެ.
އެ އަންހެންމީހާ ހިއްސާކުރި ޕޯސްޓުގައި ބުނެފައި ވަނީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުން އޭނާގެ 6 އަހަރުގެ ދަރިފުޅު ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ކަމަށެވެ. އަދި ސާމްޕަލް ނަގައިގެ ގެއަށް އައުފަހުން، އަނގަމަތީގައި އަޅައިފައިވާ މާސްކް ނެގި އިރު މާސްކްގައި ލޭ ހޭކިފައި ހުރި ކަމަށެވެ.
މާސްކްގައި ލޭ ހޭކިފައި ހުރުކުމުގެ ސަބަބުން ދަރިފުޅު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށް އެ އަންހެންމީހާ ލިޔެފައި ވެއެވެ. އަދި ޑޮކްޓަރު ބެލިބެލުމުން ދަރިފުޅުގެ ނޭފަތުގެ އެތެރެ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުރި ކަން އެނގުނު ކަމަށް އޭނާ ބުންޏެވެ. އަދި ލޭ މަނާ ނުވާ ކަމަށްވެސް އެ އަންހެންމީހާ ލިޔެފައިވެ އެވެ.
ދަރިފުޅަށް ލިބުނު އަނިޔާ އާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އެ އަންހެން މީހާ ބުނެފައި ވަނީ، ކޮވިޑް ކޮވިޑް ސާމްޕަލް ހުއްޓާނުލާ ނަގާތާ އެހާގިނަ ދުވަސްވެފައިވާއިރުވެސް މާލޭގެ އުޅޭ ސާމްޕަލް ނަގާދޭ ބޭފުޅުންނަށް ރަނގަޅަށް ސާމްޕަލް ނަގަން ނޭނގޭ ކަމަށްވެ.
“…(އަޅުގަނޑުގެ ދަރިފުޅަށް މި ލިބުނު އަނިޔާގެ) ޒިންމާ ނަގާނީ ކާކުބާ؟” އޭނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އާއްމުކޮށް ކޮވިޑް ސާމްޕަލް ނަގަނީ ނޭފަތު ތެރެއަށް ސާމްޕަލް ނަގާ ކަފަކޮޅު ކޮއްޕައިގެންނެވެ. މިގޮތަށް ސާމްޕަލް ނަގާއިރު ސާމްޕަލް ނަގަން ހުންނަ ފަރާތްތަކުން ނޭފަތުގެ އެތެރެއަށް މާބޮޑަށް ކަފަކޮޅު ކޮއްޕާލެވޭތީވެ ނޭފަތުން ލޭ އައުން ފަދަ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގައިފައެވެ. އަދި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާވެސް އުފުލާފައެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ހާދިސާތައް އާންމުކޮށް ހިނގަނީ ރަށްރަށުގައި ސާމްޕަލް ނަގަން ހުންނަ މީހުންގެ ކިބައިންނެވެ. އެއީ ރަށްރަށުގައި ސާމްޕަލް ނަގާ ފަރާތްތައް މިކަމުގެ ތަޖުރިބާ ނުހުންނާތީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީގެ ކުރިން އެކަމާ ފާޑުވެސް ކިޔައިފަ އެވެ.
