ބާއިން-ބިސްކޯދު
(ކުޑަކުދިންގެ ވާހަކަ 23)
ބަޝީރާއަކީ ގުރޭޑް 1 ގައި ކިޔަވާ ކުއްޖެކެވެ. ސްކޫލަށް ދިއުމުގެ ކުރިން ކޮންމެ ދުވަހަކު ފަތިސްނަމާދު ކޮށްގެން ބަޝީރާ އޭނާގެ މާމައަށް އެހީތެރިވެދީ ހަދައެވެ. މާމަ ހައްދާ ބަށިގަސްތަކާއި މިރުސް ގަސްތަކަށް ފެންދޭއިރު ބަޝީރާ މާމައަށް ފެންކުރާ އުފުލައިދީ ހަދައެވެ.
ބަދީއު ސްކޫލަށް ދިއުމުގެ ކުރިން ބިސްކޯދާއިއެކު ސައި ބޮއެވެ. ނޫނީ ބިސްގަނޑާއި ޖޫސްތައްޓެއް ބޮއެވެ. ބައެއްފަހަރު މާމަ ހުންނަނީ އިންޓަވަލް ގަޑިއަށް ބަޝީރާއަށް އެންމެ މީރު ބަރަބޯ މަސްހުނި ހަދާފައެވެ. އަނެއްބައި ފަހަރު ބޯކިބާ ފިހެދީފައި ހުރެއެވެ. ބަދީއު އަބަދުވެސް ކާން ފެށުމުގެ ކުރިން ބިސްމިން ކިޔަން އާދަކުރެއެވެ. އަދި ކައި ނިމިގެން ޙަމްދުކުރެއެވެ. ބަޝީރާ އަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. މިއަދު ބަޝީރާ ސްކޫލަށް ދިޔައިރު ދަބަސް ގެންގޮސްދިނީ މާމައެވެ. އޭނާގެ މަންމަ އުޅެނީ ބަލިވެއެވެ. އެހެންވެ ބޭސް ކައިގެން އަރާމުކޮށްލަން މަންމަ ގޭގައި މަޑުކުރީއެވެ.
ސްކޫލު ނިންމާފަ އައިސް ބަޝީރާ މަންމައަށް ބޭސް ދިނެވެ. މާމަ ބަތްޕެން ތަށްޓެއް މަންމައަށް ގެނެސްދިނެވެ. މަންމަގެ އެނދުގައި އޮތް ބާލިސްތައް ނަގާ ތަންމަތި ރީތި ކޮށްލަދިނީވެސް ބަޝީރާއެވެ. އޭގެ ހަފްތާއެއް ފަހުން މަންމަގެ ބަލި ރަނގަޅުވިއެވެ. ބަޝީރާ އެކަމާ ވަރަށް އުފާވިއެވެ.
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ވާހަކައި ބަޝީރާގެ އިތުރުން އުޅެނީ ކޮންބައެއް؟
- މި ވާހަކަގައި އުޅޭ ބަޝީރާ އަކީ ކޮންކަހަލަ ކުއްޖެއް؟
- ބަޝީރާ މާމައަށް އެހީތެރިވެ ދިނުމުގެ ގޮތުން ކުރަނީ ކޮން ކަމެއް؟
- ވާހަކަގައި ހުރި ބާ އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
- ބަޝީރާ ސްކޫލުން ނިމިގެން އައިސް ކުރީ ކޮންކަމެއް؟
- ވާހަކައިގައި ހުރި ބާ އަކުރުން ފެށޭ އެއްޗިހީގެ އިތުރުން ބާ އަކުރުން ފެށޭ އެހެން 2 އެއްޗެއް ކުރަހާފަ ނަންލިޔޭ!