ޚަބަރު

ގަސް ކެނޑުން ވާންޖެހޭނީ އެންމެ ފަހު އޮޕްޝަނަކަށް – ނައިބް ރައިސް

ގަސް ކެނޑުން ވާންޖެހޭނީ އެންމެ ފަހު އޮޕްޝަންއަކަށް ކަމަށާއި، ތަރައްޤީއަށްޓަކައި ގެންނަ ބަދަލުތަކަކީ ތިމާވެށީގެ މުއްސަނދިކަން ނަގާލަ ކަމަކަށް ވެގެން ނުވާނެކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބްރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒް “ދިވެހި ތާރީޚްގެތެރެއިން ތިމާވެށި” ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުންނެވެ.

މިމަޢުރަޒް ހުޅުއްވަވައިދެއްވައި ވާހަކަދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިފަދަ ފޮޓޯތަކަކީ ތިމާވެއްޓާމެދު ސަމާލުވުމަށް ދެވޭ އިންޒާރެއްކަމަށެވެ. އެގޮތުން އެހާރާއި މިހާރަށް ބަލާއިރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ އެކަމަށް ދުރާލައި ފިޔަވަޅު އަޅައިގެން މެނުވީ ޙައްލުކުރެވޭނެ ކަންކަމަށް ނުވާނެކަމަށެވެ. އެގޮތުން ޚާއްސަކޮށް އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނައިބް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ މީގެ އެތަށް ޒަމާނެއްކުރިއްސުރެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކާބަފައިން މުހިންމު މަސައްކަތްތައްކެއް ކޮށްފައިވާކަން ފެންނަން އެބަހުރިކަމަށެވެ. އެގޮތުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އައިސްފައިވާ ގޮތްތަކާއި، ތިމާވެއްޓަށް އޭރުންފެށިގެން އައިސްފައިވާ ބަދަލުތަކާއި، އަދި މައްސަލަތައް ޙައްލުކުރުމަށް ފިޔަވަޅު އަޅާފައިވާކަން އެނގެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އަރޓް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ ތިމާވެއްޓާ ގުޅޭ ޤަވާޢިދުތައް ހެދުމާއި، ނިންމުންތައް ނިންމުމުގައި މިގޮތަށް ރައްކާކުރެވިފައިވާ މަޢުލޫމާތުގެ މުހިންމުުކަން ވަރަށް ބޮޑުކަމަށެވެ. މިނިސްޓަރވަނީ އެކި ދަޢުރުތަކުގައި ތިމާވެށި ޙިމާޔަތްކުރުމަށް އެކި ސަރުކާރުތަކުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

މި މައުރަޒުގައި އެކިރަށްރަށުގެ ޤުދުރަތީ ވެށީގެ ފޮޓޯތަކާއި، ތިމާވެށި ޙިމާޔަތް ކުރުމަށްމަށް ކޮށްފައިވާ މަސައްކަތް އަދި ތިމާވެއްޓާގުޅޭ ތާރީޚީ ލިޔުންތައް ހިމެނެއެވެ. މިމައުރަޒު މިމަހުގެ 13އާ ހަމައަށް ކުރިއަށްދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close