ދެކުނު ކޮރެއާގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 24 އަށް

ދެކުނު ކޮރެއާގެ ދެކުނު އިރުމަތީ ސަރަޙައްދުގައި ފެތުރެމުންދާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ. މި ހާދިސާގައި 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހާދިސާތައް ކޮންޓްރޯލް ކުރުމަށް އެތައްހާސް ފަޔަރ ފައިޓަރުންނާއި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.
ވޭތުވެދިޔަ ހަފްތާ ބަންދުގައި 12 އަށްވުރެ ގިނަ ސަރަޙައްދެއްގައި އަލިފާން ރޯވެ، 27،000 އަށްވުރެ ގިނަ މީހުން ވަނީ އެ ސަރަޙައްދުތަކުން ފުރައިގެން ދާންޖެހިފައެވެ. ކޮރެއާ ފޮރެސްޓް ސަރވިސްއިން ބުނާ ގޮތުގައި ބުދަ ދުވަހުގެ ހެނދުނާ ހަމައަށްވެސް މުޅި ޤައުމުގައި މަދުވެގެން 5 ސަރަޙައްދެއްގައި އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް ފަޔަރ ފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މަރުވި މީހުންގެ އަދަދު 24 އަށް އިތުރުވެފައިވަނީ ބާރު ވައިގައި އަލިފާން ފެތުރި، ގިނަ ސަރަޙައްދުތަކެއް އަނދައި، އާސާރީ މިސްކިތެއް ވެސް ހަލާކުވުމާ ގުޅިގެންނެވެ. މަރުވި މީހުންގެ ތެރޭގައި އުއިސޮންގް ސަރަޙައްދުގެ ފަރުބަދައެއްގައި އަލިފާން ނިއްވުމަށް ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، އެ ހެލިކޮޕްޓަރުގެ ޕައިލެޓް ވެސް ހިމެނެއެވެ.
ކޮރެއާގެ ރަސްމީ ޔޮންހަޕް ނިއުސް އޭޖެންސީން ބުނާ ގޮތުގައި އަލިފާނުން ސަލާމަތްވުމަށް ކާރެއްގައި ދަތުރުކުރަމުން ދިޔަ 4 މީހަކު ވެސް ވަނީ މަރުވެފައެވެ. އެމީހުން މަރުވެފައި އޮއްވާ ފެނުނީ އަންގާރަ ދުވަހުގެ ރޭގެ ފަހުގެ ވަގުތެއްގައި މަގުމަތިންނެވެ. އެމީހުން މަރުވެފައިވަނީ އެމީހުން ދަތުރުކުރި ކާރު އަނދައިގެންނެވެ.
މި އަލިފާނުގެ ހާދިސާތައް ފެށުނީ ހުކުރު ދުވަހުގެ ރޭގެ ދަންވަރު ނޯދަން ގިޔޮންގްސަންގް ޕްރޮވިންސްގެ ސަންޗިއޮންގް ކައުންޓީގައެވެ. އޭގެ ފަހުން އަލިފާން ފެތުރިގެން ގޮސް ވަނީ އުއިސޮންގް ކައުންޓީއަށް ވެސް އަސަރުކޮށްފައެވެ.
މި ސަރަޙައްދު ވަނީ ވެރިރަށް ސޯލްއާ 180 ކިލޯމީޓަރު (111 މޭލު) ދުރުގައެވެ. މީގެ އިތުރުން އަލިފާން ވަނީ އަންޑޮންގް، ޗިއޮންސޮންގް، ޔޮންގްޔަންގް އަދި ޔޮންގްޑިއޮކް ކައުންޓީތަކަށް ވެސް ފެތުރިފައެވެ.
